ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް ޖީގައި ނެދަލޭންޑްސްއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ލިތުއޭނީއާ ކައިރިން ހަނި ގޮތަކަށް ސަލާމަތްވެއްޖެއެވެ.

ނެދަލޭންޑްސްއިން މިހާތަނަށް ކޮލިފިކޭޝަންގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައި ނުވާ އިރު، ރޭގެ މޮޅާއެކު އެޓީމަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. އެ ހާލަތުގައި އޮތް ނަމަވެސް، ދުނިޔޭ ރޭންކިންގެ 143 ވަނައިގައި އޮތް ލިތުއޭނީ ކައިރިން ރޭ އެޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ނެދަލޭންޑްސްގެ މެމްފިސް ޑިޕާއީ ދެ ގޯލު ޖަހައިދީފައިވާ އިރު، އޭނާ ވަނީ މިހާރު ގައުމީ ޓީމަށް 52 ގޯލު ޖަހައިދީފައެވެ. ރޭގެ މެޗަށް ނުކުތްއިރު، ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓް އެއްވަނައި ޑިޕާއީ އާއި ރޮބިން ވެން ޕާސީ އޮތީ އެއްވަރުވެފައެވެ. އެއީ 50 ގޯލާއެކުގައެވެ.

ރޭގެ މެޗުގައި ނެދަލޭންޑްސްއިން ޖެހި އަނެއް ގޯލު ގުއެންޓެން ޓިމްބާ ޖެހި އިރު، ލިތުއޭނިއާގެ ގޯލުތައް ޖަހައިދިނީ ވީޑާސް ގިނެއިޓިސް އަދި އެޑްވީނާސް ގިރްޑްވައިނިސްއެވެ.

މެޗަށްފަހު ޑިޕާއީ ބުނީ ނެދަލޭންޑްސް ގައުމީ ޓީމުގެ ޝަރަފުވެރި ރެކޯޑެއް މުގުރާލެވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި، މިހާތަނަށް އެކުގައި ގައުމީ ޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިންނަށްވެސް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.