ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ސްޕެއިނާއި ޖަރުމަނުންވެސް ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ކޮލިފިކޭޝަން ފުރަތަމަ ބުރުގެ ގްރޫޕް އީގައި ސްޕެއިނުން މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައިވާ އިރު، ރޭ ކުޅުނު މެޗުގައި ތުރުކީ ބަލިކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުނީއްސުރެން ސްޕެއިނުން ޑޮމިނޭޓް ކުރަމުން ގޮސްފައިވާ އިރު، މެޗުގެ ހަވަނަ މިނެޓުގައި ޕެޑްރީ ވަނީ ސްޕެއިނަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ޕްރެޝަރު ކުޑަކޮށް، ސްޕެއިނުން ރީތި ފުޓުބޯޅައެއް ކުޅެފައިވާ އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިން ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ.

އެ ދެ ގޯލުވެސް އާސެނަލް ފޯވަޑް މިކޭލް މެރީނޯ ޖަހައިދިން އިރު، ފުރަތަމަ ހާފުގައި ނިކޯ ވިލިއަމްސްއަށް އަނިޔާވެ، އޭނާގެ ބަދަލުގައި ފެރާން ޓޮރެސް ކުޅެން ނެރެފައިވެއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ފެރާން ޓޮރެސް ވަނީ ސްޕެއިންގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އޭގެ އިރުކޮޅެއްފަހުން މެރީނޯ ހެޓްރިކް ފުރިހަމަކުރި އިރު، ސްޕެއިންގެ ހަވަނަ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލުވެސް ޖަހައިދިން ޕެޑްރީއެވެ.

ކޮލިފިކޭޝަން ގްރޫޕް އޭގައި ހިމެނޭ ޖަރުމަނުން ރޭގެ މެޗަށް ނުކުތީ ކުޅުނު ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން ބަލިވެ، ހާސްކަމެއްގައި އޮވެގެންނެވެ. އެ ބަލި ހަނދާން ނައްތާލަން މޮޅެއް މަޖުބޫރުވެފައި އޮތް އިރު، ރޭ ނޮދާން އަޔަލޭން ކައިރިން ޖަރުމަނު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ސާޖް ނަބެރީ މެޗުގެ ކުރީކޮޅުގައި ޖަރުމަނަށް ލީޑު ނަގައިދިން ނަމަވެސް، ހާފު ނިމުމުގެ ކުރިން އިސާކް ޕްރައިސް ވަނީ ނޮދަން އަޔަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އެ ނަތީޖާއާއެކު ދެވަނަ ހާފަށް ނުކުމެ، ޖަރުމަނުން މެޗު ކާމިޔާބުކުރީ ނަޑިއެމް އަމީރީގެ ގޯލުގެ އިތުރުން ފްލޯރިއަން ވާޓްސް ހިލޭ ޖެހުމެއްގައި ކާމިޔާބުކުރި ގޯލާއެކުގައެވެ.