ފްރާންސް ގައުމީ ޓީމަށް ކުޅެމުން ދަނިކޮށް، ޕީއެސްޖީގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޑިސީރޭ ޑޫއޭއާއި އުސްމާން ޑެމްބެލޭއަށް ލިބުނު އަނިޔާއާ ގުޅިގެން، ކްލަބުން ނުރުހުން ފާޅުކޮށްފިއެވެ.

ޕީއެސްޖީގެ ޑޫއޭއާއި ޑެމްބެލޭއަށް އަނިޔާވީ ފްރާންސުން ޔުކްރެއިންއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައެވެ. އެމެޗުން ފްރާންސް މޮޅުވި އިރު، ޑެމްބެލޭގެ ފަލަމަސްގަނޑަށް ލިބުނު "ސީރިއަސް" އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ގާތްގަނޑަކަށް ހަ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ. އޭގެ އިތުރުން ޑޫއޭއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މަހެއްހާ ދުވަހުގެ ކުޅުން ގެއްލޭނެ ކަމަށްވެސް ފްރާންސް ގައުމީ ޓީމުން ބުނެފައިވެއެވެ.

އެ ދެ ކުޅުންތެރިންނަށް ލިބުނު އަނިޔާއާ ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ، މިހާރަށްވުރެ ދެފުށް ފެންނަ ގޮތަކަށް، ގުޅުން ބަދަހިކޮށް ކްލަބާއި ގައުމީ ޓީމުގެ މެޑިކަލް ޓީމުތަކުން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.

ޕީއެސްޖީން ބުނީ ފްރާންސް ސްކޮޑަށް ޑެމްބެލޭއާއި ޑޫއޭ ނެގި ހިސާބުންވެސް، ދެ ކުޅުންތެރިންގެ މެޑިކަލް މައުލޫމާތު ގައުމީ ޓީމާ ހިއްސާ ކޮށްފައިވާ ކަމަށާއި، އެއީ ފަރިތަކުރުންތައްވެސް ފެށުމުގެ ކުރިން ކަމަށެވެ. އަދި އެ ރިޕޯޓުތަކުގައިވާ ގޮތުން ދެ ކުޅުންތެރިންނަކީވެސް އަނިޔާވުމުގެ ރިސްކް ބޮޑުކޮށް ތިބި އެ ކުޅުންތެރިންކަން އެނގެން އޮންނާނެ ކަމަށްވެސް ޕީއެސްޖީން ބުނެފައިވެއެވެ.

ޕީއެސްޖީން އިތުރަށް ބުނީ އެ ކްލަބުން ފޮނުވި މެޑިކަލް ރިޕޯޓުތަކަށް ގައުމީ ޓީމުގެ މެޑިކަލް ޑޮކްޓަރުން ސަމާލުކަން ނުދޭ ކަމަށާއި، އެ ދެ އަނިޔާއަކީވެސް ސަމާލުކަން ދިންނަމަ، ރައްކާތެރިވެވޭނެ ދެ އަނިޔާކަމަށް ގަބޫލުކުރާ ކަމަށެވެ.

އެ ތުހުމަތުތަކަށް ފްރާންސްގެ ކޯޗު، ޑިޑިއޭ ޑިޝޭމްޕްސް ވަނީ ޖަވާބު ދީފައެވެ. އޭނާ ބުނީ ދެ ކުޅުންތެރިންވެސް ތިބީ މެޗު ކުޅެވޭ ވަރަށް ފިޓްކޮށް ކަމަށާއި، ޑޫއޭ މެޗަށް ނުކުތީވެސް އަމިއްލައަށް އެކަމަށް ވަރަށް ބޮޑަށް ބޭނުންވެގެން ކަމަށެވެ. އަދި މެޗަށް ކުޅުންތެރިޔާ ނުކުތުމާއެކު އެއްވެސް ހާލެއްގައި އަނިޔާ ނުވާނެއޭ ބުނަން ނޭނގޭނެ ކަމަށާއި، އަނިޔާވުމަކީ ފުޓުބޯޅައިގައި ދިމާވާ ކަމެއް ކަމަށްވެސް ކޯޗު ޑިޝޭމްޕްސް ބުނެފައިވެއެވެ.