ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި ސްރީ ލަންކާއިން ކުރިއަށްގެންދާ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން 3-0 އިން ސްރީ ލަންކާ ބަލިކުރުމުން، ދެވަނަ މެޗަށް ސަޕޯޓަރުން ގިނަ ކުރުމަށް ލަންކާ ފުޓުބޯޅަ އިދާރާއިން ޓިކެޓް އަގުހެޔޮ ކޮށްފިއެވެ.

ދެކުނު އޭޝިއާ ސުޕަ ކަޕްގައި ރާއްޖެއާއި ލަންކާ ވާދަކުރާ އިރު، އެ މުބާރާތުގައި ކުޅޭނީ ޖުމުލަ ދެ މެޗެވެ. އެގްރިގޭޓް ނަތީޖާއަށް ބަލައި ދެ މެޗުން ޗެމްޕިއަން ކަނޑައަޅައި މުބާރާތުގެ ފުރަތަމަ ލެގުގައި އިއްޔެ ރާއްޖެއިން ލަންކާ ބަލިކުރީ އެ ގައުމުގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ.

ދެވަނަ މެޗުވެސް މިމަހުގެ ނުވަ ވަނަ ދުވަހު އެ ދަނޑުގައި އޮންނަ އިރު، އިއްޔެގެ މެޗަށްފަހު ލަންކާ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނީ މެޗުން "ނެގެޓިވް" ކަމެއްގެ ގޮތުގައި ފާހަގަކުރާނީ މެޗު ބެލުމަށް ރާއްޖޭ ސަޕޯޓަރުން ގިނައިން ވަދެ، މާ ވަރުގަދައަށް ސަޕޯޓު ކުރުން ކަމަށެވެ.

"މެޗުން ނަގާނެ ނެގެޓިވްއަކީ އަހަރެމެން ހޯމްގައި ކުޅުނު އިރު، ލަންކާ ސަޕޯޓަރުންނަށްވުރެ ރާއްޖޭގެ ސަޕޯޓަރުން ގިނަކަން. އަހަރެމެންނަށް އިހުސާސްވާން ޖެހޭ މިއީ އަހަރެމެންގެ ދަނޑުކަން. ރާއްޖޭ ސަޕޯޓަރުންގެ އަޑު ހުރީ މުޅި ސްޓޭޑިއަމްގައިވެސް. އަހަރެމެންގެ ސަޕޯޓަރުން އައިސް އިށީންދެގެން ތިބީ،" އިއްޔެގެ މެޗަށްފަހު މުތައިރީ ބުންޏެވެ.

އެކަން ބަދަލުކުރުމަށް ލަންކާ ފުޓުބޯޅަ އިދާރާއިން މިއަދު އިއުލާނުކޮށްފައިވަނީ ލަންކާ ރައްޔިތުންނަށް ޓިކެޓް އަގުހެޔޮ ކުރުމުގެ އިތުރުން، ކުޑަ ކުދިންނަށް ހިލޭ ކުރިއަށް އޮތް މެޗަށް ވަދެވޭނެ ކަމަށެވެ. އެގޮތުން އެކަޑެމީތަކާއި ސްކޫލް ކުދިންނަށް ހިލޭ ވަދެވޭ އިރު، އެކުދިންނަށް ހާއްސަ ސަރަހައްދެއް ސްޓޭޑިއަމްގައި ކަނޑައަޅާފައިވާނެ ކަމަށްވެސް ލަންކާގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.

އޭގެ އިތުރުން މެޗުގެ ކިކް އޮފް ގަޑިވެސް ވަނީ ބަދަލުކޮށްފައެވެ. އެންމެފަހުން ކުޅުނު މެޗު ރާއްޖެ ގަޑިން ހަވީރު 4:30 ގައި ފަށާފައިވާ އިރު، ދެން ކުޅެވޭ މެޗު އޮންނާނީ ރާއްޖެ ގަޑިން ހަވީރު 5:15 ގައެވެ. އެ ބަދަލު ގެނެސްފައިވަނީ އެ ދުވަހަކީ ބަންދު ދުވަހެއް ކަމަށްވުމުން، ޓްރެފިކް މައްސަލަ ކުޑަކުރުމަށް ކަމަށް ބުނެފައިވެއެވެ.

މިދިޔަ 23 އަހަރުގައިވެސް ލަންކާއަށް ފުޓުބޯޅައިގައި ރާއްޖެ ބަލިކުރެވިފައި ނުވާ އިރު، އެކަން ބަދަލުކުރަން ޖެހޭ ކަމަށް ކޯޗުވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ސުޕަ ކަޕްގެ ދެވަނަ މެޗުވެސް ވެގެންދާނީ ފޯރިގަދަ މެޗަކަށެވެ.