ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ކުޅެވޭ ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.

ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ފުޓުބޯޅައިގެ ހާލަތު ދަށްކޮށް އޮތް މިހާލަތުގައި މިއަދު ރާއްޖެ ހޯދީ މުހިއްމު މޮޅެކެވެ.

މެޗު ފެށިގެން ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ރާއްޖެއިން ބެލީ ކުރިއަށް ޖައްސައިގެން އެޓޭކަށް މަސައްކަތް ކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއިން މަޑުމަޑުން ނުރައްކާ ކުރަމުން ގޮސް، 28 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖެހިއެވެ. އެ ގޯލަކީ ކޯނަރެއްގައި ޖެހި ގޯލެކެވެ. އިބްރާހީމް އައިސަމް ނަގައިދިން ކޯނަރު، އޭރިއާ ތެރެއިން ބޮލުން ގޯލަށް ވައްދާލީ ނާއިޒް ހަސަން (ދާދު) އެވެ.

އެ ގޯލާއެކު ރާއްޖެއަށް ހިތްވަރު ލިބިގެން ގޮސްފައިވާ އިރު، ހާފު ނިމުމުގެ ކުރިން ދެވަނަ ގޯލެއް ޖަހައި ލަންކާ ހާސްކޮށްލިއެވެ. ކައުންޓާ އެޓޭކް ފުރުސަތެއްގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ގޯލު ޖަހައިދިނީ ދާދު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ދެވަނަ ހާފަށް ނުކުމެ ލަންކާއިން ކުޅުން ރަނގަޅުކޮށް ފުރުސަތު ހޯދިވެސް މެއެވެ. އެގޮތުން، ހާފުގެ ކުރީކޮޅުގައި އެޓީމަށް ޕެނަލްޓީއެއް ލިބި، އެ ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. ލަންކާއަށް ލިބުނު ޕެނަލްޓީގައި ސޭމް ޑުރާންޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ފަހު ހާފުގެ ބޮޑުބައެއްގައި ރާއްޖެއިން ރަނގަޅަށް ޑިފެންސް ކޮށްފައިވާ އިރު، އިތުރު ވަގުތުގެ ތެރޭގައި ތިންވަނަ ގޯލް ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭގެ ގޯލަކީ އޭރިއާ ތެރެއިން އުމުރުން 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން މޮޅު ޕާހެއްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އިލާން ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ އިތުރުން ގައުމީ ޓީމަށް އެސިސްޓެއް ހަދައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭނާއަށް މިއަދުގެ މެޗަކީ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

މިއަދުގެ މޮޅަކީ އެންމެފަހުން ކުޅުނު ހަ މެޗުން ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ. އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވެފައިވާ އިރު، މިފަހަރުގެ މެޗަށްވެސް ރާއްޖެ ދިޔައީ މަދު ޕްރެކްޓިސްތަކަކަށް ފަހުއެވެ.

ލީގު މެދުކަނޑިފައި އޮންނަތާވެސް ދުވަސްތަކެއް ވެފައިވާ އިރު، މިއަދުގެ ބައްޔަކީ ލަންކާއަށް އުނދަގޫ ބައްޔަކަށްވާނެއެވެ. މިދިޔަ 23 އަހަރު ދުވަހުގައި ލަންކާއަށް ރާއްޖެ ބަލިކުރެވިފައި ނުވާ އިރު، އެޓީމުން މިއަދު ނުކުތީ 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރުމަށް ކަމަށް މެޗުގެ ކުރިން ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފައިވެއެވެ.

އެކަން ހާސިލުނުވެ މެޗު ނިމިގެން ގޮސްފައިވާ އިރު، ލަންކާއާ ރާއްޖެ ކުޅޭ ދެކުނު އޭޝިއާ ސުޕަ ކަޕްގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެއަށް އެގްރިގޭޓް ނތީޖާ ހިފަހައްޓާލެވިއްޖެނަމަ، ދެގައުމުގެ ދެމެދުގައި ކުޅެވޭ މުބާރާތް ރާއްޖެއަށް ކާމިޔާބުވާނެއެވެ.