ސްރީ ލަންކާއިން ރާއްޖެ ބަލިކުރާތާ 23 އަހަރުވެފައިވާ ކަމަށާއި، އެކަން ނިންމަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ސްރީ ލަންކާގެ ކޯޗު، އަބްދުﷲ އަލް މުތައިރީ ބުނެފިއެވެ.

ސްރީ ލަންކާގައި ބާއްވާ ދެ މެޗުގެ ސައުތު އޭޝިއަން ސުޕަ ކަޕުގައި ރާއްޖެއާއި އެގައުމު ވާދަކުރަން ތައްޔާރުވެފައިވާ އިރު، އެ ދެ މެޗު އޮންނާނީ މިމަހު 6 އަދި 9 ގައެވެ.

މެޗުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން، ކުރިން ނޭޕާލަށްވެސް ކޯޗުކަން ކޮށްދިން މުތައިރީ ބުނީ، 2002 ވަނަ އަހަރަށްފަހު ރާއްޖެ ކައިރިން ލަންކާއަށް މޮޅުވެވިފައި ނުވާ ކަމަށާއި، އެކަމަށް ނިމުން ގެންނަން ޖެހޭ ކަމަށެވެ.

"އަހަރެން މިތަނަށް އައުމުގެ ކުރިން ބަލައިލިން 2002 ވަނަ އަހަރަށްފަހު ކިތައް ކުދިން ވިހޭތޯ. ގާތްގަނޑަކަށް ހަތް މިލިއަން ކުދިން، ނޫނީ މީހުން. އެ ހަތް މިލިއަން މީހުންނަށް ފުޓުބޯޅައިގައި ލަންކާއިން ރާއްޖެ ބަލިކުރިތަނެއް ނުފެނޭ. އެއީ އެންމެފަހުން ލަންކާއިން ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރު އޭޕްރީލްގައި ކަމަށްވާތީ. އަހަރެމެންނަށް އޮތް އޮޕްޝަނެއް ނޫން އެއީ 23 އަހަރު ވަންދެން ރާއްޖެ ކައިރީ މޮޅުނުވެ އޮތުމަކީ. އެ ހާލަތު ބަދަލުކުރަން ޖެހޭ. އެކުވެރިކަމުގެ މެޗެއް ނަމަވެސް، ރާއްޖެ ކައިރިން ދެން ބަލިވާކަށް ބޭނުމެއް ނޫން،" މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުން ފެންވަރު ވަޒަންކުރެވޭނެ ކަމަށާއި، ކޮލިފައިންގައި ތުރުކެމެނިސްތާނާ ދެކޮޅަށް ނުކުންނަން ތައްޔާރުވާނީ ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުން ކަމަށެވެ. އޭނާ ބުނީ އޭޝިއަން ކަޕަކީ ލަންކާއަށް ބޮޑު ހުވެފެނެއް ކަމަށާއި، އެ ހުވަފެން ހަގީގަތަކަށް ހަދަން ކުރިއަށް އޮތް އެތައް އަހަރަކުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މުތައިރީ އިތުރަށް ބުނީ ރާއްޖޭގައި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާއެކު އޭނާއަށް ހޯދުނު ނަތީޖާއަށް އުފާކުރާ ކަމަށާއި، އެކުވެރިކަމުގެ މުބާރާތެއް ނަމަވެސް ސާފް ސުޕަ ކަޕްގެ ތަށި ލަންކާގައި ބަހައްޓަން މަޖުބޫރު ކަމަށެވެ. އަދި އެކުވެރިކަމުގެ މެޗަކަސް، އޭނާގެ ޓީމުން ނުކުންނަން ޖެހޭނީ އަބަދުވެސް "ހަނގުރާމަ"އަށް ކަމަށްވެސް އޭނާ ބުންޏެވެ.