ރާއްޖެއަށް މަގުބޫލު، ސްރީ ލަންކާގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާއަކީ ސަރަހައްދުގެ އެއްވަނަ ކަމަށް ރާއްޖޭގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މޯހަން އެހެން ބުނެފައިވަނީ ސްރީ ލަންކާގައި އިއްޔެ ކުރިއަށްގެންދިޔަ ޕްރި މެޗު ޕްރެސްގައެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިވަގުތު ލަންކާގައި ތިބި އިރު، މިމަހު 6 އަދި 9 ގައި އެގައުމުގައި ގައުމީ ޓީމާ ދެކޮޅަށް ދެ މެޗު ކުޅޭނެއެވެ. އެ ދެ މެޗަކީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ރާއްޖެއާއި ލަންކާ ވާދަކުރާ މުބާރާތެކެވެ.
"އަހަންނާއެކު ސުޖަން ގާތްގަނޑަކަށް ތިން އަހަރު ކްލަބު އީގަލްސްގައި ހޭދަކުރި. އަހަންނަށް ބުނަން ކެރިދާނެ ސުޖަންއަކީ މި ސަރަހައްދުގެ އެއްވަނަ ކަމަށް. ސުޖަން ރާއްޖޭ ލީގުގެ އެއްވަނަ ކީޕަރުވެސް ޖެހިޖެހިގެން ދެ ފަހަރަށް ހޯދި. އެހެންވީމަ އޭގެންވެސް އެނގޭ ސުޖަންގެ ލެވެލް،" ސުޖަންއަށް ތައުރީފުކޮށް މޯހަން ބުންޏެވެ.
ސުޖަން އެންމެ ފުރަތަމަ 2015 ވަނަ އަހަރު ރާއްޖޭގެ ކްލަބު އީގަލްސްއަށް ކުޅެފައިވާ އިރު، އޭނާ ވަނީ އެ ކްލަބަށް ފަސް ވަރަކަށް ސީޒަނުގައި ކުޅެފައެވެ. އޭގެފަހުން 2022 ވަނަ އަހަރުން ފެށިގެން ޓީސީއަށް ކުޅެމުން ގޮސްފައިވާ އިރު، ސުޖަންއަކީ ކެރިއަރުގެ ބޮޑު ބައެއް ރާއްޖޭ ލީގުގައި ހޭދަކުރި ކީޕަރެކެވެ.
ކެރިއަރުގެ ކުރީކޮޅު ރާއްޖެެއަށް އައިސް، ރާއްޖޭ ލީގުގައި ހޯދި ތަޖުރިބާއާއެކު ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ މަގާމު ހޯދައި، މިހާރު އޭނާއަކީ ގައުމީ ޓީމުގެ ކެޕްޓަނެވެ. ސުޖަން ވެފައިވަނީ މި ފަހަކަށް އައިސް ލަންކާ ފުޓުބޯޅައިން ފެނުނު އެންމެ ނުފޫޒުގަދަ އެއް ލީޑަރަށެވެ.
ސުޖަން ރާއްޖެ ދޫކޮށް ބަންގްލަދޭޝް ލީގަށް ބަދަލުވީ މި ސީޒަނަށެވެ. އެފްއޭއެމް ލީގު ކަޕްގައިވެސް އޭނާ ޓީސީއަށް ކުޅެފައިވެއެވެ.
ލަންކާގައި ކުރިއަށްދިޔަ ޕްރެސްގައި މޯހަން ވަނީ ލަންކާ ކޯޗު އަބްދުﷲ އަލް މުތައިރީއަށްވެސް ތައުރީފުކޮށްފައެވެ. މޯހަން ބުނީ މުތައިރީ ނޭޕާލުގައި ކުރި މަސައްކަތް ގާތުން ފެނުނު ކަމަށާއި، މުތައިރީ އެގައުމު ދޫކޮށްލުމުން ދެން ނޭޕާލް ފުޓުބޯޅައަށް އައި ބަދަލުވެސް ފެނުނު ކަމަށެވެ.
މިހާރު ލަންކާ ފުޓުބޯޅައިގެ ހާލަތަށް އައި ބަދަލުވެސް މޯހަން ފާހަގަކޮށްފައިވާ އިރު، އޭނާ ވަނީ ޕާސިން ފުޓުބޯޅަ ލަންކާގެ ފަރާތުން ފެނުން އެއީ ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށް ބުނެފައެވެ.
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)