ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް ތައްޔާރުވުމަށް މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު މިޑިއާތަކަށް ބުނީ އެއީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން، އެމްއޭސީއެލްއާ ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

އެ ތަމްރީން ޕްރޮގްރާމުގައި އައިޖީއެމްއެޗް, ހުޅުމާލެ ހޮސްޕިޓަލް, ޓްރީ ޓޮޕް ހޮސްޕިޓަލް, އޭޑީކޭ, މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން 73 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރުކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެއެވެ.