ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް މިއަހަރުގެ އަހަރީ ބޯނަސް ދިނުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން މިއަދު ފާސްކޮށްފިއެވެ.

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މީގެ ކުރިން ނިންމާފައި އޮތް ނަމަވެސް، ކުންފުނީގެ ގަވާއިދު އޮންނަ ގޮތުން އެ ނިންމުން ރަސްމީވަނީ އޭޖީއެމުން ފާސްކުރުމުންނެވެ.

އެހެންކަމުން، މިއަދު ބޭއްވި އަހަރީ ބައްދަލުވުމުގައި ވަނީ މިކަމަށް ރަސްމީ ހުއްދަ ދީފައެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު "ވަން" މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، މި ފަހަރު ކޮންމެ މުވައްޒަފަކަށް ދޭން ނިންމީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

އެމްއޭސީއެލްގައި 5،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ އަހަރު އެ ކުންފުނިން ވަނީ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދީފައެވެ.