ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މުސާރައާއެކު އަހަރީ ބޯނަސް ޖަމާކޮށްދޭން ފަށައިފިއެވެ.

އެމްއޭސީއެލުން މިއަދު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައިވަނީ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ފާސްކޮށްފައެވެ، މުވައްޒަފުންނަށް ބޯނަސް ދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މީގެ ކުރިން ނިންމާފައި އޮތް ނަމަވެސް، ކުންފުނީގެ ގަވާއިދު އޮންނަ ގޮތުން އެ ނިންމުން ރަސްމީވަނީ އޭޖީއެމުން ފާސްކުރުމުންނެވެ.

އަހަރީ ބޯނަސް ދިނުމަށް އާންމު ޖަލްސާގައި ނިންމިކަން އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިރޭ ކަށަވަރުކޮށްދިން ނަމަވެސް ދިނުމަށް ހަމަޖެހިފައިވަނީ ކިހައި އަދަދެއްކަން ހާމައެއް ނުކުރެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ބައެއް މުވައްޒަފުންނަށް 25،000 ރުފިޔާ ލިބިފައިވާއިރު، ބައެއް މުވައްޒަފުންނަށް ލިބިފައިވަނީ 15،000 ރުފިޔާއެވެ.

އެމްއޭސީއެލްގައި 5،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ އަހަރު އެ ކުންފުނިން ވަނީ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދީފައެވެ.