ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތެއް ހެދުމަށް ބިން ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިނިސްޓްރީން ބުނީ ހުޅުމާލެ ލޮޓް ނަމްބަރު 22،221 ގައި ހެދުމަށް ހަމަޖެހިފައިވާ މިސްކިތަކީ 2،000-3،000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އެ މި މިސްކިތުގެ ބިމުގެ ސައިޒަކީ 27،920 ސްކޮއާފޫޓު ކަމަށެވެ.

އަދި ހުޅުމާލެ ލޮޓް ނަމްބަރު 22،242 ގައި ހެދުމަށް ހަމަޖެހިފައިވާ މިސްކިތަކީވެސް 2،000-3،000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އެ މިސްކިތުގެ ބިމުގެ ސައިޒަކީ 20،720 ސްކޮއާފޫޓު ކަމަށެވެ.