ނިއުކާސަލް ދޫކޮށްލަން ބޭނުންވެ، ހަޅުތާޅެއްގައި ހުރި އެލެކްސެންޑާ އިސާކް ގެންދަން ލިވަޕޫލުން 125 މިލިއަން ޕައުންޑްގެ ބިޑެއް ކުރަން ތައްޔާރުވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

އިސާކް، ނިއުކާސަލްއާ މައްސަލަ ޖެހި، މިހާތަނަށް މީ ސީޒަނުގެ އެއްވެސް މެޗެއްގައި ކުޅެފައެއް ނުވެއެވެ. އުމުރުން 25 އަހަރުގެ އިސާކް މިވަގުތު ތަމްރީނުތައް ފުރިހަމަކުރަމުން ދަނީވެސް ޓީމާ ވަކިންނެވެ.

އިސާކް، ނިއުކާސަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ތިން އަހަރުގެ މުއްދަތެއް ބާކީ އޮތް ނަމަވެސް، އޭނާ ވަނީ މާކުރިންވެސް ކްލަބު ދޫކޮށްލާނެ ކަމަށް އިއުލާނުކޮށް، އެކަމަށް މަސައްކަތްވެސް ކޮށްފައެވެ.

އިސާކަށް ލިވަޕޫލުން ފުރަތަމަ 110 މިލިއަން ޕައުންޑްގެ ބިޑެއް ކުރި ނަމަވެސް، އެ ބިޑަށް ނިއުކާސަލްއިން ވަނީ ނޫނެކޭ ބުނެފައެވެ. ނިއުކާސަލްއިން ގޮތް ދޫނުކޮށް، ހިފެހެއްޓުމުން އިސާކް ވަނީ ނިއުކާސަލްއިން "އޮޅުވާލި" ކަމަށާއި، ކެހި ދިން ކަމަށް ބުނެފައެވެ.

ނިއުކާސަލްއިން ފުރަތަމަވެސް ޑިމާންޑް ކުރީ 125 މިލިއަން ޕައުންޑަށް ކަމަށް ނޫސްތައް ބުނެފައިވާ އިރު، ލިވަޕޫލުން މިހާރު ވަނީ ފުރިހަމަ އެއްބަސްވުމަކަށް ގޮސްފައި ކަމަށް ނޫސްތައް ބުނެފައިވެއެވެ. ބީބީސީ ސްޕޯޓްސްއިން ބުނީ އިސާކް ލިވަޕޫލާއެކު އެއްބަސްވާނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ.

އިސާކް މިދިޔަ ސީޒަނުގައި ނިއުކާސަލްއަށް ކުޅުނު 42 މެޗުގައި 27 ގޯލު ޖަހައިދީފައިވާ އިރު، އޭނާ ނުކުޅެ ހުރި ނަމަވެސް، ގައުމީ ޓީމު ސްކޮޑުގައިވެސް ހިމަނާފައިވެއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 52 މެޗުން، 16 ގޯލު ޖަހައިދީފައެވެ.