މިދިޔަ 14 އަހަރު ތެރޭގައިވެސް އެތުލެޓިކޯ މެޑްރިޑަށް ކުރިމަތިވި އެންމެ ދަށް ފެށުމާއެކުވެސް ކޯޗު ޑިއޭގޯ ސިމިއޯނީ ހުރީ މާބޮޑު ހާސްކަމެއް ނެތި ކަމަށް އޭނާ ބުނެފިއެވެ.

އެތުލެޓިކޯއިން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އެސްޕަނިޔޯލް އަތުން ފުރަތަމަ މެޗުގައި 2-1 އިން ބަލިވެފައިވާ އިރު، އޭގެފަހުން އެލްޗޭއާއި އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ 1-1 އިން އެއްވަރުވެފައެވެ.

އެ ނަތީޖާތަކަށް ބަލާއިރު، މިއީ 2009-10 ވަނަ އަހަރަށްފަހު އެ ކްލަބުގެ އެންމެ ދަށް ފެށުމެވެ. އޭރުގެ ކޯޗަކީ އަބެލް ރެސީނޯއެވެ. މާޔޫސީ ފެށުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން މިހާރުގެ ކޯޗު ސިމިއޯނީ ބުނީ އަދި ހާސްވާ ވަރަށް ކަންތައް ނުދާ ކަމަށެވެ.

"ފުރަތަމަ ކަމަކީ އަހަރެންގެ ޓީމުގެ ކުޅުން އެ ދަނީ ރަނގަޅުވަމުން. އެހެންވީމަ އޭގެ ނަތީޖާއެއްގެ ގޮތުން އަދި ޕޮއިންޓް ލިބެން ފަށާނެ. އަހަރެމެންގެ ހުރިހާ ކުޅުންތެރިންނަށްވެސް އިތުބާރުކުރަން. އަހަރެމެން މި ކުރާ ކަންތައް، ބަދަލެއް ނެތި ކުރާ ކަމަށްވާނަމަ، އަހަރެމެންނަށް ނަތީޖާ ނެރެވޭނެ. އެކަމާ ހާހެއްވެސް ނުވަން. އިތުރު ވިސްނުމަކަށްވެސް ދާކަން ނުޖެހޭނެ،" ސިމިއޯނީ ބުންޏެވެ.