އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ޗެލްސީން މިއަދު ހަވީރު ކުޅުނު މެޗުގައި ފުލަމް ކައިރިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން ޗެލްސީ މޮޅުވި އިރު، ދެން ކުޅުނު މެޗުން އޮތީ އެއްވަރުވެފައެވެ. އެހެންކަމުން މިވަގުތު، ތިން މެޗުން ހަތް ޕޮއިންޓާއެކު އެޓީމު އޮތީ އެއްވަނައިގައެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން ކޯލް ޕާމާ މިއަދުގެ މެޗަށްވެސް ނުކުމެފައިނުވާ އިރު، މެޗު ފެށިގެން 14 ވަނަ މިނެޓުގައި ޗެލްސީގެ ފޯވަޑް ލިއަމް ޑެލެޕަށް އަނިޔާވިއެވެ. އޭނާގެ ބަދަލުގައި ތޯރިގު ޖޯޖު ކުޅެން ނުކުމެފައިވާ އިރު، 21 ވަނަ މިނެޓުގައި ފުލަމްއިން ލީޑު ނެގި ކަމަށް ބެލެވުނެވެ.

ޖޯޝް ކިންގް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ވީއޭއާރް ބަލައި އެއީ ގޯލެއް ނޫން ކަމަށް ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ރޮޑްރީގޯ މުނީޒް، ޓްރެވާ ޗަލޯބާ ފަޔަށް އެރި ކަމަށް ބުނެއެވެ. އެ ނިންމުމަށް ފުލަމްގެ ބެންޗުން ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވެއެވެ.

ޗެލްސީން ފުރަތަމަ ހާފު ޑޮމިނޭޓްކޮށް ކުޅެމުން ގޮސް، ހާފު ނިމެން ދަނިކޮށް ގޯލު ޖެހިއެވެ. އެ ގޯލު ޖަހައިދިނީ ޖުއާއޯ ޕެޑްރޯއެވެ.

ޗެލްސީން ދެވަނަ ހާފުވެސް ރަނގަޅު ފެށުމަކުން ފަށާފައިވާ އިރު، 56 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ފުލަމް އޭރިއާ ތެރެއިން ރަޔަން ސެސެޔޯން އަތުގައި ޖެހުމުން ދިން ޕެނަލްޓީގައި ފެނާންޑޭޒް ކާމިޔާބުކުރި ގޯލާއެކު އެޓީމުން ވަނީ ރަނގަޅަށް ޑިފެންސްކޮށް ނަތީޖާ ދަމަހައްޓައިފައެވެ.

އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑުން މިރޭ ބާންލީ ކައިރިން މޮޅުވީވެސް ކިރިޔާއެވެ. ހޯމްގައި 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވީ، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

މިރޭގެ މެޗަށް ނުކުތްއިރު، ޔުނައިޓެޑް އޮތީ މިހާތަނަށް ސީޒަނުގައި މޮޅެއް ނުހޯދިއެވެ. މިދިޔަ ހަފުތާ ތެރޭގައި އެޓީމުން ކުޅުނު ލީގު ކަޕް ދެވަނަ ބުރުގެ މެޗުގައި ހަތަރު ވަނަ ޑިވިޝަން ޓީމެއް އަތުން ބަލިވެ، ކޯޗަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައި އޮތް އިރު، މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލީޑު ނެގީ ޖޯޝް ކުލެން އަތުން ބައިކޮޅަށް ވަން ގޯލަކާއެކުގައެވެ. ކަސެމީރޯ އޭރިއާ ތެެރެއިން ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ގަޑީ ކުލެން ގައިގައި ޖެހި ބައިކޮޅަށް ވަދެފައިވާ އިރު، ހާފު ނިމުނީ އެ ނަތީޖާގައެވެ.

ފެނާންޑޭޒްގެ ގޯލަށްފަހު އުފާފާޅުކުރަނީ ---

ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ ލައިލް ފޯސްޓާ ބާންލީއަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އޭގެ ދެމިނެޓް ފަހުން 57 ވަނަ މިނެޓުގައި ޔުނައިޓެޑުން އަލުން ލީޑު ނެގިއެވެ. ޑއެގޯ ޑަލޯ ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ ބްރަޔަން އެމްބުއޭމޯއެވެ.

އެ ގޯލާއެކުވެސް ޔުނައިޓެޑަށް މެޗު ފަސޭހަ ނުވިއެވެ. 66 ވަނަ މިނެޓުގައި ޖައިޑޮން އެންތަނީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި އިރު، އެ ބޯޅަ މަތަކުރަން ޔުނައިޓެޑްގެ ކީޕަރު އަލްތާއީ ބަޔިންދީރް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

އެ ސްކޯއާއެކު ޕޮއިންޓެއް ލިބެން ދަނިކޮށް، ޔުނައިޓެޑް މޮޅުވީ ފަހުވަގުތު، ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީންނެވެ. އަމަޑް ޑިއާލޯ އަރިމަތިން އޭރިއާ ތެރެއަށް ވަންނަނިކޮށް، އެންތަނީ ހިފެހެއްޓުމުން ރެފްރީ ދިން ޕެނަލްޓީގައި ގޯލު ޖެހީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ.

މިރޭ ޓޮޓެންހަމްވެސް ކުޅެފައިވާ އިރު، އެޓީމުން ވަނީ ބޯންމައުތު ކައިރިން 1-0 އިން ބަލިވެފައެވެ.