އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދުކުރި އިއުލާނެއްގައި ބުނީ
މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމްޑީޕގެ މެމްބަރުންނަށް ޝައުގުވެރިކަންފާޅުކުރުމުގެ ފުރުސަތު، މިއަދުން ފެށިގެން 30 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވާލައިފައިވާ ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާއްމުކުރާނެކަމަށް އެމްޑީޕީން ބުންޏެވެ.
ޝައުގުވެރިކަން ފާޅުކުރާމީހުންގެ ޝަރުތުތައް
- އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން
- ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.
އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން، ގޫގުލް ފޯމް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭކަމަށް އެމްޑީޕީން ބުންޏެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކޮށް ފުރިހަމަކުރުމަށްފަހު ޝައުޤުވެރިކަންފާޅުކުރާ ފޯމާއިއެކު ހުށަހަޅަންވާނެކަމަށް އެމްޑީޕީން ބުންޏެވެ.
ސިޓީތަކުގެ ދާއިރާތައް ބެހިފައިވާ ގޮތާއި އަންހެނުންނަށް ހާއްސަ ގޮނޑިކަނޑައެޅުމުގައި ބާލަފައިވާނީ މިވަގުތު އަމަލުކުރަމުންދާ ގޮތަށް ކަމަށާއި އެނޫންގޮތަށް އިލެކްޝަން ކޮމިޝަންގެ އިދާރާއިން ބަދަލުކުރާނަމަ އެބަދަލެއްގެނެވޭނެ ވާހަކަ ދަންނަވާކަމަށްވެސް އެމްޑީޕީން ބުންޏެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ