މާސޭގެ ޑްރެސިން ރޫމް ތެރޭގައި ޖެހުނު މައްސަލައެއްގައި ސްކޮޑުން ބާކީވެފައި ހުރި އެޑްރިއަން ރެބިއޯ ހޯދަން އޭސީ މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނޫސްތައް ބުނެފިއެވެ.

ރެބިއޯއާއި މާސޭގެ ކޯޗު ރޮބާޓޯ ޑި ޒާބީއާ ދެމެދު މައްސަލަ ގޯސްވީ، މެޗަކަށްފަހު ޑްރެސިން ރޫމުގައި ޖޮނަތަން ރޯވްއާ ދެކުޅުންތެރިން ތަޅައިގަތުމުންނެވެ. ރެބިއޯއާއި ރޯވް ތަޅައިގަތުމުން އެކަން އެއީ ލަދުވެތިކަމެއްގެ ގޮތުގައި ކޯޗު ޒާބީ ސިފައިކޮށްފައިވާ އިރު، ރެބިއޯ މިވަގުތު ހުރީ ސްކޮޑުން ބޭރުކޮށްފައެވެ.

އެ މައްސަލައިގައި ހިމެނޭ ރޯވް، ބޮލޯނިއާއަށް ވިއްކާލާފައިވާ އިރު، ރެބިއޯ ވިއްކާލަން މިހާރު އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހަބަރުތައް ބުނެފައި ވަނީ މިހާރު މިލާނުގެ ކޯޗު، މަސިމިލިއާނޯ އަލެގްރީއަކީ ރެބިއޯއަށް ގަޔާވާ ކޯޗެއް ކަމަށާއި، އެ ކްލަބުން މިވަގުތު މާސޭއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެ ލެގްރީގެ އިރުޝާދުގެ ދަށުން މީގެ ކުރިންވެސް ރެބިއޯ ވަނީ ކުޅެފައެވެ.

މާސޭގެ ކުރިން ޔުވެންޓަސްއަށް ކުޅުނު ރަބިއޯ ވަނީ 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އަލެގްރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސްއަށް ކުޅެފައެވެ.

ރެބިއޯ 2024 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި މާސޭއާ ގުޅިފައިވާ އިރު، ހަބަރުތައް އިތުރަށް ބުނީ މިލާނުން މާސޭއާއެކު ސްވެޕް ޑީލަކަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ޔޫނުސް މޫސާ ބަދަލެއްގެ ގޮތުގައި ދޭން މިލާނުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.