ބްރެޒިލުން ކުޅެން ތައްޔާރުވެފައިވާ ވޯލްޑް ކޮލިފިކޭޝަން މެޗުތަކަށް އިއުލާނުކުރި 23 ކުޅުންތެރީންގެ ސްކޮޑުން ނޭމާ ބޭރުވެއްޖެއެވެ.

ބްރެޒިލަށް މިފަހަކަށް އައިސް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ނޭމާ މިވަގުތު ސަންޓޯސްއަށް ކުޅެމުން އަންނަ އިރު، އޭނާ އެ ކްލަބަށް ބަދަލުވިފަހުންވެސް ފިޓްކޮށް ފެނުނީ މަދު ފަހަރަކުއެވެ.

ގާތްގަނޑަކަށް މިދިޔަ ދެ އަހަރު ދުވަހުވެސް ނޭމާ ގައުމީ ޓީމަށް ކުޅެފައި ނުވާއިރު، މިފަހަރު ސްކޮޑު އިއުލާނު ކުރުމުގެ ދެތިން ދުވަސް ކުރިންވެސް ނޭމާ ހުރީ ފިޓްކޮށެވެ. އެހެންކަމުން ކޯޗު ކާލޯ އެންޗެލޮޓީގެ ސްކޮޑުގައި ނޭމާ ހިމެނޭނެކަމުގެ ޔަގީންކަން ގިނަ ނޫސްތަކުންވެސް ދީފައިވެއެވެ.

ބްރެޒިލުން މިހާރު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖާގައެއް ޔަގީންކޮށްފައިވާ އިރު، އެޓީމުން ކޮލިފިކޭޝަން ފަހު ދެމެޗުގައި ނުކުންނާނީ ޗިލީއާއި ބޮލީވިއާ ދެކޮޅަށެވެ.

މިދިޔަ ދެތިން އަހަރުވެސް ނޭމާއަށް އަނިޔާގެ ގިނަ މައްސަލަތަކާ ދިމާވެފައިވާ އިރު، އޭނާ އެންމެފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭގެ ފަހުން ސައުދީ ލީގުގެ އަލް ހިލާލަށް ބަދަލުވެގެން ކުޅެމުން ދަނިކޮށް، ނޭމާގެ ކަކުލަށް ސީރިއަސް ލިގަމެންޓް އަނިޔާއެއް ލިބި، އެތައް ދުވަހަކަށް ކުޅުމާ ދުރަށް ދާން ޖެހުނެވެ.

އޭގެފަހުން އަލުން ފިޓްވެ ކުޅެން ފެށީ ސަންޓޯސްއަށް ބަދަލުވެގެން، ތަމްރީނުތައް ފުރިހަމަކުރުމަށްފަހުއެވެ.

ބްރެޒިލްގެ ކޯޗު އެންޗެލޮޓީ ބުނީ ނޭމާ ހުރީ ކުޑަ އަނިޔާއެއްގައި ނަމަވެސް، ކޮލިފިކޭޝަން މެޗުތަކަށް ބޭނުން ވަނީ އެންމެ ފިޓް، ރަނގަޅު ކޮންޑިޝަންތަކުގައި ތިބި ކުޅުންތެރިން ކަމަށެވެ. ނޭމާއާ ގުޅިގެން އެންޗެލޮޓީ ބުނީ ނޭމާ އަންނަ އަހަރު ވޯލްޑް ކަޕަށް ފިޓްކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށާއި، ނޭމާގެ ފެންވަރާމެދު އަދިވެސް ސުވާލެއް ނެތް ކަމަށެވެ.

އުމުރުން 33 އަހަރުގެ ނޭމާ ވަނީ ކުރިން ބާސެލޯނާއާއި ޕީއެސްޖީއަށްވެސް މޮޅަށް ކުޅެފައެވެ.