ހދ. މަކުނުދޫގެ ބިން ހިއްކައި، އެ ރަށު އެއާޕޯޓުގެ މަސައްކަތްތައް ނިންމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަކުނުދުއަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެ ޖަލްސާގައި އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މަކުނުދޫގައި އެއާޕޯޓެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއުތައް ހިންގުމާ ގުޅޭގޮތުން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވެސް މަކުނުދޫގައި އެއާޕޯޓް ހެދުމަށް ވަނީ ހިމަނައިފައެވެ.
މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަކުނުދޫގައި އެއާޕޯޓެއް ހެދުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ރަށުގެ ބިން ހިއްކައި ނިމޭއިރު އެއާޕޯޓުގެ އިތުރުން ބޯހިޔާވަހިކަމަށް ވެސް ހައްލު ލިބި، މަކުނުދުއަށް އިގުތިސޯދީ ގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މަކުނުދޫ އެއާޕޯޓް ހިންގާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމަށާއި އެއާޕޯޓް ނިމުނުހާ އަވަހަކަށް އެމްއޭސީއެލްއާ ހަވާލުކުރާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތްކުރާނީ އެއާޕޯޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހދ. މަކުނުދޫ
ހދ. މަކުނުދޫ
ހދ. މަކުނުދޫ
ހދ. މަކުނުދޫ