ރާއްޖޭގެ ފުޓުބޯޅަ ސިސްޓަމަށް ގެނައި ބަދަލަކީ އަތޮޅު ތެރޭގެ ފުޓުބޯޅަވެސް ފަށައި، އަތޮޅު ތެރޭގެ ބަސް ފުޓުބޯޅައަށް ހޯދޭނެ ނިޒާމެއް އެކަށަ އެޅުމަށް ގެނައި ބަދަލެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ރައީސް، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު އެފްއޭއެމް ރައީސް ކަމަށް އިންތިހާބުވީ މިދިޔަ މަހު ފަހުކޮޅުގައެވެ. މަގާމާ ހަވާލުވެ، މިހާތަނަށް ތޯރިގު ވަނީ ގިނަ މަސައްކަތްތަކެއް، އަވަސްކޮށް ކުރައްވާފައެވެ. އޭގެ ތެރެއިން އެއް ކަމަކީ ރާއްޖޭގެ ލީގު ފޯމެޓް ބަދަލުކޮށް، މުޅި ފުޓުބޯޅަ ނިޒާމު ބަދަލުކުރުމެވެ.
ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ލީގުތައް ފަށަން ތައްޔާރުވެފައިވާ އިރު، މިހާރު އޮތް ގޮތުން އަތޮޅު ތެރޭގެ ޓީމުތައް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ މަގެއް ވަނީ ގާއިމުކޮށްފައެވެ. އެއީ ރީޖަނަލް ލީގުތައް މެދުވެރިވެގެންނެވެ.
"އަޅުގަނޑުމެން ފުރަތަމަވެސް މިކުރިކަމަކީ މިވީހާތަނަށް ރާއްޖޭގައި ކޮށްފައި ނުވާ ކަމެއް. އެއީ ފުޓުބޯޅަ ސިސްޓަމަށް ގެނައި ބަދަލު. މިވީހާތަނަށް ރާއްޖޭގައި ނެތް އަތޮޅު ފުޓުބޯޅަ މުބާރާތްތަކުން ޕްރިމިއާ ލީގަށް ކޮލިފައިވެވޭނެ ސިސްޓަމެއް އެކުލަވާލެވިފައެއް. އަޅުގަނޑުމެން އެކްސްކޯއިން ކުރި ކަމަކީ އެ ނިޒާމް ގާއިމުކުރުން. މިވީހާތަނަށް މި ތިބެވެނީ އަސްލު، އެ ނިޒާމު އެއްކޮށް ފުރިހަމަ ކުރަންވެގެންނޭ ބުނެ، އެކަން ނުފަށައި. އެގޮތަކަށް ނޫން އަޅުގަނޑު އެކަން ކުރަން ބޭނުންވަނީ. ފަށަންވެސް ބޭނުންވަނީ އަތޮޅު މުބާރާތްތަކުން،" ޕީއެސްއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ ފުޓުބޯޅައިގެ ޕިރަމިޑެއް އެކުލަވާލައި، ސިސްޓަމް ބަދަލުކުރީ އަތޮޅު ފުޓުބޯޅައިގައި ފޯރި އޮތުމުން، އެ ފުރުސަތު ހަމަހަމަކޮށް ދޭން ބޭނުންވާތީ ކަމަށެވެ. ހާއްސަކޮށް އަތޮޅު ތެރޭގެ ޒުވާން ކުޅުންތެރިންނަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އާދެވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ތޯރިގު ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ގައުމީ ދަނޑަށް ވަންނަ ކްލަބުތަކުގެ ސަޕޯޓަރުން މަދުކަން ފާހަގަކޮށް، ތޯރިގު ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކުން ޓީމުތައް އުފެދިގެން ގައުމީ ދަނޑަށް އައުމުން ސަޕޯޓަރުން އިތުރުވާނެކަން ފެންނަ ކަމަށެވެ.
"ރަށްރަށުގައި އެ ރަށަށް ނިސްބަތްވާ ޓީމެއް ބިލްޑްވެގެން، އެ ނިސްބަތްވާ ޓީމު ޕްރިމިއާ ލީގު ކުޅޭކަމަށް ވާނަ، ސަޕޯޓަރުން ފޮލޯކުރާނެ ދަނޑަށްވެސް. އެ އައިޑެންޓިޓީ ރަށްރަށުގެ ޓީމުތަކުގައި ހުންނާނެ. މިސާލަކަށް ހއ. ދިއްދޫ މީހަކު، ދިއްދޫގެ ކާމިޔާބީއަށް އެދޭނެ. އެ ރަށުގެ ކުދިން ކުޅޭތަން ބަލަންވެސް ވަންނާނެ ދަނޑަށް،" ތޯރިގު ފާހަގަކުރިއެވެ.
ތޯރިގު ފާހަގަކުރީ ޕްރިމިއާ ލީގަށް ވަންނަ އަތޮޅު ތެރޭގެ ޓީމުގެ ފެންވަރު ދަމަހައްޓަން ޖެހޭ ކަމަށާއި، އެ ވިސްނުމުގައި ކޮލިފިކޭޝަން ވާދަވެރިވާނެ ކަމަށް ޑިޒައިން ކޮށްފައިވާ ކަމަށެވެ.
ރީޖަނަލް އެސޯސިއޭޝަންތައް މުހިއްމު: އަތޮޅު ތެރެއަށް ވޯޓިން ފުޅާކުރުމުގެ ޕްލޭނެއް
ކުޅިވަރު ލާމަރުކަޒު ކުރުމުގެ ގޮތުން ދާދިފަހުން ރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެނެސް، ފާސްކޮށްފައިވެއެވެ. އެ ގާނޫނުގައި ވާގޮތުން ކޮންމެ އެސޯސިއޭޝަނެއްގެވެސް ރީޖަނަލް އެސޯސިއޭޝަންތަކެއް ގާއިމުވާން ޖެހެއެވެ. އެ ބަދަލަށް އެފްއޭއެމް ފައްކާވަމުންދާ ކަމަށް ތޯރިގު ފާހަގަކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ މިއަހަރު އަތޮޅު މުބާރާތްތައް ބާއްވާ ކްލަބުތައް، ރަށްތަކުގެ މެދުގައި ރީޖަނަލް އެސޯސިއޭޝަންތައް ގާއިމުވުން އެއީ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"މިއަހަރު އަތޮޅު މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް، ރީޖަނަލް އެސޯސިއޭޝަންތައް ހަދާއިރު، މެމްބާޝިޕް ލިބޭނެ. އެހެންވީމަ މިސާލަކަށް ހއ ނޫނީ އައްޑު އަތޮޅު ޓީމަކަށް ރީޖަނަލް އެސޯސިއޭޝަނެއް ހަދައިގެން، އެ މެމްބަރުންނަށް ވޯޓު ދިނުމަށް ފުރުސަތު ދީގެން، އެކްސްކޯއަކަށް ވޯޓު ދޭއިރު ފުރުސަތު ލިބޭނީ މިއަހަރު ބައިވެރިވާ ޓީމުތަކަށް. ދެން އަނެއްކާވެސް ފަހުން އިތުރަށް ބައިވެރިވާ ކްލަބުތަކަށް މެމްބާޝިޕް ދޭން ވިސްނާނީ. އަތޮޅު ތެރޭގެ ރީޖަނަލް އެސޯސިއޭޝަން ފުރަތަމަ އުފެދިގެންދާނީ އަލަށް ބައިވެރިވާ ރަށްތައް، ކްލަބުތަކުގެ މައްޗަށް،" ތޯރިގު ފާހަގަކުރެއްވިއެވެ.
ތޯރިގު ވިދާޅުވީ ރީޖަނަލް އެސޯސިއޭޝަންތައް އުފައްދަން ފަށައިގެން، އެކަން ކުރެވޭ ހިސާބުން މުޅި ރާއްޖެއަށް އެފްއޭއެމްގެ މައި އެކްސްކޯ ހޮވުމަށް ވޯޓުލުމުގެ ހައްގުތަކަށް މަސައްކަތް ފެށޭނެ ކަމަށެވެ. އެކަން ކުރުމަށް ރީޖަނަލް އެސޯސިއޭޝަންތަކަށް ފުރުސަތު ފަހިވެ، ރީޖަނަލް އެސޯސިއޭޝަންތައް ބާރުވެރިކަމާއެކު ހިންގަން ޖެހޭ ކަމަށް ތޯރިގު ފާހަގަކުރިއެވެ.
ތޯރިގު ވިދާޅުވީ ރީޖަނަލް އެސޯސިއޭޝަންތަކަށް އަމިއްލަ ފައި މައްޗަށް ތެދުވޭ ހިސާބުން، ލީގު ހިއްގުމަށްވެސް ހަވާލުކުރަން ބޭނުންވަނީ އެސޯސިއޭޝަންތަކާ ކަމަށާއި، އެ އެސޯސިއޭޝަންތަކުގެ އެކްސްކޯތައް ރީޖަނަލް ލެވެލްގައި ހަރަކާތްތެރިވުން އެއީ މުހިއްމު ކަމެއް ކަމަށެވެ.
ތޯރިގު އިތުރަށް ވާހަކަ ދައްކަވަމުން ހޯމް އެންޑް އަވޭ އުސޫލާ ގުޅޭ ގޮތުންވެސް އޭނާގެ ހިޔާލު ފާޅުކުރެއްވިއެވެ. ތޯރިގު ވިދާޅުވީ އެއީ ހަރަދު ހިނގާނެ ކަމަކަށްވާތީ ވިސްނުންތަކެއް ވިސްނަން ޖެހޭ ކަމަށާއި، މިހާރުވެސް އަތޮޅު ތެރޭގެ ރީޖަނަލް މުބާރާތްތައް އެ އުސޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އުންމީދަކީ މި ސީޒަން ނިންމައި، އަނެއް ސީޒަނުގައި އެކަހަލަ ފޯމެޓަކަށް ޕްރިމިއާ ލީގު ތެރެއިންވެސް ބަދަލު ގެނައުމަށް ކަމަށް ތޯރިގު ވިދާޅުވިއެވެ.
މުޙައްމަދު ޝަމްޢޫން
މަޖިލިސް މެންބަރު، އަހުމަދު ތޯރިގް
މަޖިލިސް މެންބަރު، އަހުމަދު ތޯރިގް
މަޖިލިސް މެންބަރު، އަހުމަދު ތޯރިގް
މަޖިލިސް މެންބަރު، އަހުމަދު ތޯރިގް
އަވަސް ބަދަލެއް ގެނެސްފި އޭތިމީތި ހަދައިފި ، ފުޓްބޯޅަ ކުރިނާރާ އަބަދު އިވޭއަޑު ހުސްފޭކު؟ ކުޅެލަން އޮތްތަންކޮޅުވެސް ފުލުހުން ވެހިކަލް ވައްދާ ތަނަކައް ފަދައިފި މިދެން ބޮޑުވަރު
ހަވާ - 10 މަސް ކުރިން