ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ މަގާމަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައި، ގައުމީ 17 އަހަރުން ދަށު ޓީމުގެ ކޯޗުކަން ސޮބާހް މުހައްމަދު (ސޮބާ) އާ ހަވާލުކޮށްފިއެވެ.
އެފްއޭއެމްއިން މިއަދު ކުރި އިއުލާނުގައި ބުނީ ގައުމީ ޓީމުގެ ކޯޗުކަމަށް މޯހަން ހަމަޖައްސަން މިއަދު ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އޭނާ ކޯޗުކަމަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ޓީމުން އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް އެގައުމުގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ އިތުރުން، އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކަށެވެ.
އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި އޮކްޓޯބަރު ނުވަވަނަ ދުވަހު ރާއްޖެއިން ތަޖިކިސްތާނާ ދެކޮޅަށް އަވޭގައި ކުޅޭ އިރު، އެމަހުގެ 14 ވަނަ ދުވަހު ރާއްޖެއިން އެގައުމާ ދެކޮޅަށް ހޯމްގައިވެސް ކުޅޭނެއެވެ.
މޯހަންއަކީ މީގެ ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި މަސައްކަތްކޮށް، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުވެސް އަދާކުރި އޭއެފްސީ ޕްރޯ ލައިސަންސް ކޯޗެކެވެ.
އޭގެ އިތުރުން ކްލަބު އީގަލްސްގައިވެސް ގިނަ މަސައްކަތްތަކެއް ކުރި މޯހަން ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން މަހިބަދޫއަށްވެސް ކޯޗުކަން ކޮށްދީފައެވެ.
އަތޮޅު ތެރޭގެ ރަށްރަށުންވެސް މޯހަން ފެނިގެން ގޮސްފައިވާ އިރު، އޭނާ ވަނީ ދ. ކުޑަހުވަދުއާއެކު މިނިވަން ޗެމްޕިއަންޝިޕްވެސް ކާމިޔާބު ކޮށްފައެވެ. ނިއު ރޭޑިއަންޓާއެކު 2012 ވަނަ އަހަރުގެ ދިވެހި ލީގު، މެޗަކުން ބަލިނުވެ ހޯދުންވެސް މޯހަންގެ ކާމިޔާބީތަކުގެ ތެރޭގައި ފާހަގަކޮށްލެވެއެވެ.
މިއީ މޯހަން ގައުމީ ސީނިއާ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ކޯޗުކަން ސޮބާއާ ހަވާލުކޮށްފައިވާ އިރު، އޭނާ ކޯޗުކަމާ ހަވާލުވާނީ އަންނަ މަހު ސްރީ ލަންކާގައި އޮންނަ ސާފް 17 އަހަރުން ދަށުގެ މުބާރާތާއި 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތަކުގައި ޓީމަށް އިރުޝާދު ދޭށެވެ.
އޭއެފްސީ އޭ ލައިސަންސް ކޯޗު ސޮބާ އެންމެފަހުން މަސައްކަތް ކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކުގައެވެ. އެފްއޭއެމް ލީގު ކަޕުގައިވެސް އެޓީމުން ސޮބާގެ އިރުޝާދުގެ ދަށުން ކުޅެފައިވާ އިރު، އޭނާ ވަނީ މީގެ ކުރިން ކްލަބު ގްރީން ސްޓްރީޓްސްއާއި ވެލެންސިއާ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބަށްވެސް އިރުޝާދު ދީފައެވެ.
ސޮބާއަކީ ޒުވާން ކުޅުންތެރިން އުފެއްދުމުގައި ޒުވާން ޓީމުތަކާއެކު މީގެ ކުރިންވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ.
ކޯޗިންނަށް ނުކުތުމުގެ ކުރިން ސޮބާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެކެވެ. އޭނާގެ ކްލަބު ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިރު، ގައުމީ ޓީމާއެކު 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު