ޕީއެސްގެ މަގާމަށް އައްޔަންކުރަން ނިންމައި، އެ ނިންމުން އަނބުރާ ގެންދިއުމުން ބަދަލުގެ ގޮތުގައި ދޭން އަމުރުކުރި 35،500 ރުފިޔާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް 25 މާޗު 2024 އިން ފެށިގެން ފަސް އަހަރުގެ ދައުރަކަށް ހ. މީނާޒް ޝަމްއޫން ހަމީދު އައްޔަން ކުރުމާ ގުޅޭގޮތުން ޝަމްއޫނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ދެމެދު ކޮންޓްރެކްޓެއް ގާއިމުވުމަށްފަހު، ދެވަނަ ދައުރަކަށް އޭނާ ހަމަ އެ މަގާމަށް އައްޔަނުކުރަން ސީއެސްސީން ނިންމި ނިންމުން އަނބުރާ ގެނެސްފައިވާތީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ޝަމްއޫނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އޭނާ އަދާކުރަމުންދިޔަ މަގާމުގެ އުޖޫރައިގެ ގޮތުގައި ލިބެމުންދިޔަ ފައިސާގެ ނިސްބަތުން، އެއް މަސްދުވަހުގެ އުޖޫރައަށްވާ 35،500 ރުފިޔާ ނަގައިދިނުމަށް އަންގައި ޓްރައިބިއުނަލުން މައްސަލަ ނިންމިއެވެ.

ނަމަވެސް ޓްރައިބިއުނަލްގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ސީއެސްސީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުން އެކަމަށް ގޮތެއް ކަނޑައަޅަންދެން ޝަމްއޫނަށް ދޭން ސީއެސްސީއަށް ޓަރައިބިއުނަލުން އަމުރުކުރި 35،500 ރުފިޔާ އެ ފަރާތަށް ނުދިނުމަށް އެދި ވަގުތީ އަމުރަކަށްވެސް ސީއެސްސީން ހައިކޯޓުގައި އެދުނެވެ.

މި ވަގުތީ އަމުރާ ބެހޭގޮތުން ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ، އެ މައްސަލައަށް ކޯޓުން ގޮތެއް ކަޑައަޅަންދެން ޝަމްއޫނަށް ދައްކަން އެންގި ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލްކޯޓުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.