ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ހިމަނައި، ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑިއާ ކޮމިޝަން" ބިލަކީ، މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލާ ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކުގެ ބޮޑެތި ކަންބޮޑުތަކެއް ހުރިއިރު އެކަމާ ގުޅިގެން މިއަދު އެކްސްގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށެވެ.

"މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ އެ ބިލަކީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުން އަންނަ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލެއްކަން ފާހަގަކުރައްވައި އެ ބިލު އަނބުރާ ގެންދަން ގޮވާލައްވައިފައެވެ.

މިދިޔަ އަހަރުވެސް ހަންނާން އެ ބިލު ހުށަހެޅުއްވިއެވެ. ނަމަވެސް، ގިނަ ޕްރެޝަރުތަކެއް ކުރިމަތިވުމާއެކު ވަނީ އެ ބިލު އަނބުރާ ގެންދަވައިފައެވެ. މި ފަހަރުގެ ބިލުގައި ހަންނާން ވަނީ ބައެއް ބަދަލުތައް ގެންނަވައިފައެވެ.

މި ފަހަރު މައިގަނޑު ތިން ބަދަލެއް ފާހަގަވެފައިވާ އިރު، އެއް ބަދަލަކީ މީޑިއާ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލެވެ. ކުރިން ބިލުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނާއެކު ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ.

މި ފަހަރުގެ ބިލުގައި ވަނީ، ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނަށް މަޖިލީހުން ރުހުން ހޯދަން ޖެހެއެވެ. އަދި މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ.

ކުރީގެ ބިލުގައި ވެސް އޮތްގޮތަށް ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެއެވެ.

ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ ގޮތަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. ކުރިން އޮންނަގޮތުން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރާނީ މަޖިލީސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ ހަމައެކަނި ކޮމިޝަންގެ ރައީސެވެ. އަދި ނައިބު ރައީސް ހޮވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް މިފަހަރުގެ ބިލުގައިވެއެވެ.

މީޑިއާތަކާއި ނޫސްވެރިންގެ ޖަމިއްޔާ އިން ޖޫރިމަނާގެ އަދަދުތައް ބޮޑުކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މިފަހަރުގެ ބިލުގައި އެ އަދަދުތައް އިތުރަށް ވަނީ ބޮޑުކޮށްފައެވެ.

ކުރީގެ ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މިފަހަރު ހުށަހަޅާ ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ މި ދައުރު ނިންމާލައި ޗުއްޓީއަށް ދިޔައީ، މި ބިލު އިތުރަށް ދިރާސާކުރުމަށް ފަހު އެ ބިލުގެ ބަހުސް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައެޅުމަށް ފަހުގައެވެ.

މީޑިއާތައް ސަރުކާރަށް ކޮންޓްރޯލުކުރެވޭގޮތަށް އޮތް ބިލު އަނބުރާ ގެންދަން ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ގޮވާލައިފައެވެ.