މެންޗެސްޓާ ޔުނައިޓެޑްގެ ޑެންމާކު ފޯވަޑް، ރަސްމުސް ހޮއިލުންޑް ގެންދަން ޝައުގުވެރިވާ ކަމަށް އޭސީ މިލާނުގެ ޑިރެކްޓަރު އިގްލީ ޓެއާ ވިދާޅުވެއްޖެއެވެ.
ހޮއިލުންޑް، 2023 ވަނަ އަހަރު އެޓަލާންޓާއިން ޔުނައިޓެޑާ ގުޅުނީ 64 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އޭރު ހޮއިލުންޑް ހޯދަން ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކޮށްފައިވާ އިރު، އޭނާ ޔުނައިޓެޑަށް ގެންދިޔައީ ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެހެން ނަމަވެސް، އޭނާގެ ފޯމު ފެނުނީ ދަށްކޮށެވެ.
ޔުނައިޓެޑަށް ހޮއިލުންޑް މިހާތަނަށް ކުޅުނު 95 މެޗުގައި އޭނާއަށް ކާމިޔާބުކުރެވުނީ 26 ގޯލެވެ.
ހޮއިލުންޑަށް މިދިޔަ ސީޒަނުގައި އަނިޔާގެ މައްސަލަތަކާވެސް ކުރިމަތިވެފައިވާ އިރު، އިތުބާރު ނޫސްތަކުން ބުނީ ޔުނައިޓެޑުން 30 މިލިއަން ޕައުންޑަށްވެސް ހޮއިލުންޑް ވިއްކާލަން ބޭނުންވާ ކަމަށެވެ. ހާއްސަކޮށް ބެންޖަމިން ސެސްކޯ، 73.7 މިލިއަން ޕައުންޑަށް ގެންދިޔުމާއެކު، ހޮއިލުންޑަށް ޔުނައިޓެޑްގައި ދެން މާ ބޮޑު ކުރިއެރުމެއް އޮތް ކަމަކަށް ތަޖުރިބާކާރުން ނުދެކެއެވެ.
"ހޮއިލުންޑަކީ އަހަރެމެންނަށް ވަރަށް ރަނގަޅު އޮޕްޝަނެއް. އަހަރެމެން މިދަނީ ހޮއިލުންޑަށް ބަލަމުން. އެހެންވިޔަސް މިހާރުގެ ޓްރާންސްފާ މާކެޓަކީ ވަރަށް އަވަސްއަވަހަށް ކަންކަން ބަދަލުވާ މާކެޓެއް. އެހެންވީމަ އަހަރެމެން ރަނގަޅު ދަނޑިވަޅުގައި އެކަމަށް މަސައްކަތް ކުރާނަން،" މިލާންގެ ޑިރެކްޓަރު ޓެއާ ވިދާޅުވިއެވެ.
ޔުނައިޓެޑުން ސީޒަން ފަށަން ކުޅުނު މެޗުގައި އާސެނަލް ކައިރިން ބަލިވެފައިވާ އިރު، އެމެޗުގެ ސްކޮޑަށްވެސް ހޮއިލުންޑް ނަގާފައެއް ނުވެއެވެ. މެޗަށްފަހު ކޯޗު ރުބެން އަމޯރިމް ބުނީ މިހާރު އޮތީ ކޮންމެ ކުޅުންތެރިޔަކުވެސް ވާދަވެރިކަމާއެކު މަގާމަށް މަސައްކަތް ކުރުން ކަމަށެވެ.
މިލާނުން އާ ފޯވަޑަކަށް ބަލަމުން އަންނައިރު، ޑިރެކްޓަރު ޓެއާ ވިދާޅުވީ ޑޫސާން ވްލަހޮވިޗަކީވެސް އެޓީމުގެ ޓާގެޓެއް ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
އޭސީ މިލާން
އޭސީ މިލާން
އޭސީ މިލާން
އޭސީ މިލާން