މިދިޔަ ސީޒަނުގެ ޔޫރަޕް އަދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ލީގު ފެށުމަށް ކުޅުނު މެޗުގައި ރޭ ނޯންޓޭސް ބަލިކޮށްފިއެވެ.

ޕީއެސްޖީން ރޭ ރަށުން ބޭރުގައި ނޯންޓޭސް ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ މިދިޔަ ސީޒަނުގައިވެސް މޮޅަށް ކުޅުނު ވިޓީނިއާ އެވެ.

ޕީއެސްޖީން މިދިޔަ ހަފުތާ ތެރޭގައި ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ އިރު، ސުޕަ ކަޕްގައި އެޓީމުން ޓޮޓެންހަމް ބަލިކުރީ ޕެނަލްޓީގައެވެ. އެ ކާމިޔާބީއާއެކު ޕީއެސްޖީން ލީގަށް ނުކުންނަނީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު ތަށި ހޯދުމަށެވެ.

މިދިޔަ ސީޒަނުގެ ލީގު، 19 ޕޮއިންޓްގެ ފަރަގަކުން ޕީއެސްޖީން ކާމިޔާބު ކޮށްފައިވާ އިރު، ރޭ ފެނުނީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ.

ސުޕަ ކަޕަށް ނެރުނު ފުރަތަމަ 11 އަށް ފަސް ބަދަލެއް ގެނެސްގެން ޕީއެސްޖީން މެޗަށް ނުކުތް އިރު، އުސްމާން ޑެމްބެލޭއާއި ޑިސައިރޭ ޑޫއޭއާއި ކަވީޗާ ކަވަރަޓްޝޭލިއާވެސް ފެށީ ބެންޗުންނެވެ.

އެ ކުޅުންތެރިން ނެތްތަން އެޓޭކުން ދައްކާފައިވާ އިރު، ވިޓީނިއާގެ ހަމައެކަނި ގޯލު ފެނުނީ ދެވަނަ ހާފުގައެވެ. 67 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ނޯންޓޭސްގެ ޑިފެންޑަރު ޗިޑޯޒީ އަވަޒިއެމް ގައިގައި ޖެހިފައެވެ.

މެޗު ނިމެން ދަނިކޮށް، ޕޯޗުގަލްގެ ފޯވަޑް ގޮންކާލޯ ރާމޯސްއަށް ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފައިވެއެވެ.