އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލެސް ކައިރީ ގޯލެއް ނުޖެހި އެއްވަރުވި އިރު، އާސެނަލުން ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

އެޓޭކަށް ބޮޑު ހަރަދެއް ކޮށް، ކްލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްގެން މިރޭގެ މެޗަށް ނުކުތް ޗެލްސީން ޕެލެސް ކައިރީ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ޕެލެސްއިން ބޮޑަށް ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، އެބެރެޗީ އެޒޭގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. ކުރީކޮޅުގައި ޕެލެސްއަށް ލިބުނު ހިލޭ ޖެހުމެއްގައި އެޒޭ ފޮނުވާލި ހަމަލާ ސީދާ މަތީ ކަނަށް އަމާޒުކޮށްލައި، ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، ވީއާރް ބަލައި ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.

ރެފްރީ އެ ނިންމުން ނިންމީ ޗެލްސީން ހިލޭ ޖެހުމަށް އެޅި ފާރުގައި ތިބި ކުޅުންތެރިންނާ މާ ގާތުގައި މާކް ގުއޭހީ ހުރުމުން، އެ ޓީމުގެ ކުޅުންތެރިންނަށް ހުރަސް އެޅުނު ކަމަށް ބުނެއެވެ.

ދެވަނަ ހާފުގައި ޗެލްސީން ކުޅުން ރަނގަޅުކޮށް، ބަދަލަކަށް އެސްޓެވާއޯ ވިލިއަމްއާއި ލިއަމް ޑެލަޕްގެ އިތުރުން އަންދްރޭ ސަންޓޯސްވެސް ކުޅުމަށް ނެރެފައިވާ އިރު، އެ ތިން ކުޅުންތެރިން އަތުންވެސް ހުސް ފުރުސަތުތައް ބޭކާރުވެގެން ދިޔައެވެ.

ޗެލްސީގެ އާ ފެށުން އެންމެ ރަނގަޅަށް ގޮސްފައިނުވާ އިރު، ވާދަވެރި އާސެނަލުން މިރޭ ލީގު ފެށީ ޔުނައިޓެޑް، 1-0 އިން ބަލިކޮށްގެންނެވެ.

ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާއަށް ޕްރި ސީޒަނުގައި ލިބުނު އަނިޔާގެ ސަބަބުން އެޓީމުގެ ފުރަތަމަ 11 އަށް ނުކުތީ އަލްޓޭ ބަޔިންދީރެވެ. މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ގޯލަކީ އޭނާގެ ގޯހެއްގެ ސަބަބުން ކޮޅަށް ވަން ގޯލެކެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ޑެކްލަން ރައިސް ނަގައިގެން ކޯނަރެއްގައި ބަޔިންދީރު ރޮނގުމަތީގައި ތާށިވެފައި ކަހަލަ ގޮތަކަށް ހުރީ އާސެނަލް ކުޅުންތެރިން ވަށައިލުމުންނެވެ. އެހެން ހުރެ އޭނާ ބޯޅައިގައި ޖައްސާލި ނަމަވެސް، ރީބައުންސްގައި ރިކާޑޯ ކަލަފިއޯރީ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން އޮއިވަރު ބަދަލުކޮށްލައި ނުރައްކާ ކުރި ނަމަވެސް އެޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ބްރަޔަން އެމްބުއޭމޯއާއި މަތެއަސް ކޫންޔާގެ ނުރައްކާތެރި ހަމަލާތައް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރި އިރު، އަނެއްކޮޅުން މެޗު ނިމެން ދަނިކޮށް ރައިސް ޖެހި ހިލޭ ޖެހުން ދިޔައީ ބޭރަށެވެ.