އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމްއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބު ކޮށްފިއެވެ.
ސިޓީއަށް އަލަށް ސޮއިކުރި ޓިޖާނީ ރެއިންޑާސްއާއި އެޓީމުގެ ވަރުގަދަ ފޯވަޑް އާލިން ހާލަންޑްގެ ގޯލުތައް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، އަލަށް ސޮއިކުރި ރަޔާން ޗަރްކީވެސް ވަނީ ފުރަތަމަ މެޗުގައި ގޯލު ޖަހައިފައެވެ.
ވުލްވްސް ދަނޑުގައި މިރޭ ސިޓީން އެޓީމު ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ ސީޒަން ހުސްއަތާ ނިންމާލި ސިޓީން ޓީމަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، މެޗުގެ ފުރަތަމަ 11 ގައި ކީޕަރު އެޑަސަން ހިމަނާފައެއް ނުވެއެވެ. އޭނާ ކްލަބު ދޫކޮށްލަން އުޅޭކަމުގެ ވާހަކަތައް ގިނަވެފައިވާ އިރު، މިރޭގެ މެޗު ފެށީ ޖޭމްސް ޓްރެފޯޑެވެ.
އައިތު ނޫރީއާއި ނިކޯ ގޮންޒާލޭްސްވެސް މިރޭގެ މެޗު ފަށާފައިވާ އިރު، 34 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ހާލަންޑެވެ. މެދުތެރެއިން ރެއިންޑާސް ދުއްވާލި ބޯޅައެއްގައި ރިކޯ ލެވިސް ނަގައިދިން ބޯޅަ ހާލަންޑް ގޯލަށް ވައްދާލި އިރު، އޭގެ ދެތިން މިނެޓު ފަހުން، ރިކޯ ދުއްވާލި ބޯޅައެއް ގޯލުގެ ކަނަށް ނިންމާލައިގެން ރެއިންޑާސް ވަނީ ސިޓީގެ ލީޑު ފުޅާވެސް ކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީ ކޮޅަށް ކޮންމެވެސް ވަރަކަށް ނުރައްކާ ކުރިމަތިވި ނަމަވެސް، ލިބުނު ފުރަތަމަ ފުރުސަތުގައި ހާލަންޑް ސިޓީއަށް ތިންވަނަ ގޯލެއް ޖަހައިދިނެވެ. އެއީ ރެއިންޑާސްގެ ދިން ބޯޅައަކުން ޖެހި ގޯލެކެވެ.
މެޗުން މޮޅުވާން ދިޔަ ސިޓީގެ ފުރަތަމަ ތިން ޕޮއިންޓް އިތުރަށް ފުރިހަމަވީ ޗެރްކީ ޖެހި ފުރަތަމަ ގޯލާއެކު ހަތަރު ގޯލުގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރެވުމުންނެވެ.
އާ ކޯޗު، ތޯމަސް ފްރޭންކާއެކު ސީޒަނަށް ނުކުތް ޓޮޓެންހަމްއިން މިރޭ އަމިއްލަ ދަނޑުގައި ބާންލީ ބަލިކުރީ 3-0 ގެ ނަތީއަކުންނެވެ.
މި ސީޒަނަށް އެ ކްލަބާ ގުޅުނު މުހައްމަދު ކުޑޫސް، މެޗުގައި ދެ އެސިސްޓް ހެދި އިރު، ޓޮޓެންހަމް ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ރިޗާލިސަންއެވެ. އޭނާގެ އެއް ގޯލަކީ އޯވަހެޑަކުން ޖެހި ގޯލެކެވެ.
އެޓީމުގެ އަނެއް ގޯލު ޖެހީ ބްރެނަން ޖޯންސަންއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު