މި ސީޒަނުގެ ޓާގެޓަކީ އަންނަ ސީޒަނުގެ ޔޫރަޕްގެ ފުޓުބޯޅަ ހޯދުން ކަމަށާއި، އެއީ ހާސިލުކުރެވޭނެ ލަނޑުދަނޑިއެއްކަން ގަބޫލުކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޯރިމް ބުނެފިއެވެ.

އަމޯރިމް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައެވެ. އޭރުވެސް ޔުނައިޓެޑް އުނދަގޫ ހާލަތެއްގައި އޮތް އިރު، އަމޯރިމްއާ އެކު ވެސް އެޓީމަށް ހާލަތު ރަނގަޅެއް ނުކުރެވުނެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން ކުޅުނު 27 ލީގު މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވީ އެންމެ ހަތް މެޗުންނެވެ.

ލީގު ތާވަލުގެ 13 ވަނައިގައި ނިންމާލި ޔުނައިޓެޑަށް މި ސީޒަނުގެ ޔޫރަޕް ފުޓުބޯޅަ ގެއްލުނީ، ޔޫރޮޕާ ލީގުގެ ފައިނަލުގައި ޓޮޓެންހަމް ކައިރިން ބަލިވުމާވެސް ގުޅިގެންނެވެ.

އެ މާޔޫސްކަން ހަނދާން ނައްތާލަން، އާ ކުޅުންތެރިންތަކަކާއެކު ޔުނައިޓެޑުން ސީޒަނަށް ނުކުންނަ އިރު، ކޯޗު އަމޯރިމް ބުނީ ފުރަތަމަ ކަނޑައަޅަން ޖެހޭނީ ހާސިލުކުރެވޭނެ ނަތީޖާތަކެއް ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ އަނެއްކާވެސް ޔޫރަޕްގެ މުބާރާތްތައް ކުޅެން. އެއީ ރިއަލިސްޓިކް ވާހަކައެއް. އަހަރެމެން މިހާރު ޖެހޭ ރިއަލިސްޓިކް ވާންވެސް، އޭރުން ސަޕޯޓަރުންނަށްވެސް މި ކުރާ މަސައްކަތް ގަބޫލުކުރެވޭނީ. އެކަމަށް އަހަރެމެން މަސައްކަތް ކުރާނީ މެޗަކަށްފަހު މެޗެއް. މިހެން ބުނާއިރުވެސް އެނގޭ އިނގިރޭސި ލީގުގައި ޔޫރަޕަށް ވާދަކުރާ އެތައް ޓީމެއް އެބައޮތްކަން. އެހެންވީމަ އެކަމަށް ވިސްނަން ޖެހޭނެކަންވެސް،" އަމޯރިމް ބުންޏެވެ.

އާސެނަލުން ސީޒަން ފަށަން އާސެނަލާ ދެކޮޅަށް، ނުކުންނާނީ އާދީއްތަ ދުވަހުގެ ރޭގައެވެ. އެ މެޗާ ގުޅިގެން އަމޯރިމް ބުނީ ޕްރި ސީޒަނުގެ ހަތަރު ހަފުތާއިން ތަފާތު ބޮޑު ބަދަލެއް ޓީމަށް ނުގެނުވުނު ނަމަވެސް، ރަނގަޅު ކަންތައްތަކެއް ފެންނާނެ ކަމަށެވެ.

"އާސެނަލްގެ ފޯވަޑް ޔޯކެރޭޝްއަކީ އާދަޔާހިލާފު މޮޅު ފޯވަޑެއް"

އިއްޔެގެ ޕްރި މެޗު ޕްރެސްގައި އަމޯރިމް ވަނީ އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން ލިސްބަންއަށް ކުޅެ، އާސެނަލަށް ބަދަލުވެފައިވާ ފޯވަޑް، ވިކްޓޯ ޔޯކެރޭޝްއަށް ތައުރީފުވެސް ކޮށްފައެވެ.

އަމޯރިމް ސްޕޯޓިންނަށް ގެންދިޔަ ފޯވަޑް ޔޯކެރޭޝް 2023 ވަނަ އަަހަރު އޭނާގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ދެ ސީޒަނުގައި ޕޯޗުގަލް ލީގުގެ ރަން ބޫޓު ހޯދިއެވެ. އަދި އެ ދެސީޒަނުގައި ޗެމްޕިއަން ޓީމަކީވެސް ސްޕޯޓިންނެވެ.

ޔޯކެރޭޝްގެ ވާހަކަ ދައްކަމުން އަމޯރިމް ބުނީ އެއީ "އެހެން ފަންތިއެއްގެ ފޯވަޑެއް،" ކަމަށާއި، އެފަދަ ދެވަނަ ފޯވަޑެއް މިވަގުތު ނުވެސް ނެތް ކަމަށެވެ. އަދި ޕްރިމިއާ ލީގުގެ ބޮޑު ކްލަބެއްގައި ޔޯކެރޭޝް ކުޅޭތަން ފެނުމަކީ ހައިރާންކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ޔޯކެރޭޝްގެ ފިޓްނަސް ބައެއް މައްސަލަ ހުރި ނަމަވެސް، ޔުނައިޓެޑް މެޗުގެ ތެރެއިން އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު މިކޭލް އާޓެޓާ ވަނީ ބުނެފައެވެ.