ރާއްޖޭގެ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމަށް، އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް ދެމެޗު ކުޅެން އެގައުމުގެ ފުޓުބޯޅަ އިދާރާއިން ދައުވަތު ދީފިއެވެ.
ސްރީ ލަންކާ މީޑިއާތަކުން ބުނީ ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗު، އަންނަ މަހު އެކެއް އަދި ނުވައެއްގައި ކުޅެން މިހާރު ދައުވަތު ދީފައިވާ ކަމަށެވެ. އެ ދައުވަތަށް އެފްއޭއެމްއިން އަދި ވަކި ޖަވާބެއް ނުދޭ ނަމަވެސް، ބެލެވިފައިވާ ގޮތުގައި އެ މުއްދަތުގައި ރާއްޖެއިންވެސް މެޗު ކުޅެން ބޭނުންވެއެވެ. އެއީ ރާއްޖެއިންވެސް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވާން ޖެހޭތީ އާއި، ފުޓުބޯޅަ އަލުން ފަށަން މަސައްކަތް ކުރާތީއެވެ.
ލަންކާއިން ރާއްޖެއާ ދެކޮޅަށް ދެމެޗު ކުޅެން ރާވާފައި ވަނީ އެގައުމުން ބާއްވަން މަސައްކަތް ކުރި ޓްރައި ނޭޝަންސް ކަޕު ކާމިޔާބު ނުވުމުން ކަމަށް އެގައުމުގެ މީޑިއާތައް ބުނެއެވެ.
އެގޮތުން ލަންކާއިން ފުރަތަމަ ރޭވީ، ރާއްޖެއާއި ބޫޓާން އަދި ސްރީ ލަންކާ ވާދަކުރާ ޓްރައި ނޭޝަންސް ކަޕެއް ބާއްވަން ނަމަވެސް، އެކަމަށް ބޫޓާނުން އެއްބާރުލުން ނުދިން ކަމަށް ނޫސްތައް ބުނެއެވެ.
ލަންކާއިން އާ ފެށުމަކުން ފުޓުބޯޅަ ވަރުގަދަކޮށް، ގައުމީ ޓީމު އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރަމުން އަންނައިރު، އެގައުމަކީ މިއަހަރު ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން ފުރަތަމަ ބެލި ގައުމުވެސް މެއެވެ. އެހެން ނަމަވެސް، ސާފްގެ ސްޕޮންސަރުން ހޯމް އެންޑް އަވޭ ފޯމެޓަށް މުބާރާތް ބަދަލުކުރަން ބޭނުންވާތީ، އެ ފުރުސަތު ލަންކާއަށް ވަނީ ގެއްލިފައެވެ.
މުޙައްމަދު ޝަމްޢޫން
ގައުމީ ފުޓްބޯޅަ ޓީމު
ގައުމީ ފުޓްބޯޅަ ޓީމު