މުހައްމަދު ޝަމްއޫން - ބަންގްލަދޭޝް، ޑާކާ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާނީ ސާފް ޗެމްޕިއަންޝިޕެވެ. މިހާތަނަށް ރާއްޖޭން ދެ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯދާފައިވެއެވެ. އެއީ މުޅި ގައުމު އެކަމުގައި ޝާމިލުވެ، ބޮޑު އީދެއް އައި 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގައެވެ. 2018 ވަނަ އަހަރުގެ ކާމިޔާބީއަކީ 2008 ވަނަ އަހަރުގެ ކާމިޔާބީ ފަދަ، އެ ޖަޒުބާތުގެ ކާމިޔާބީއެއް ނޫން ނަމަވެސް، އެއީ މިފަހުން ފުޓުބޯޅައިގައި އައި އެންމެ އުފާވެރި ކާމިޔާބީއެވެ. އެ އުފާވެރިކަން ރާއްޖޭން ހޯދީ ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައެވެ. ބަދަލުތަކާއެކު މިއަދު އެއީ ޑާކާ ނޭޝަނަލް ސްޓޭޑިއަމެވެ. މިއަދު ސްޓޭޑިއަމްގެ ހާލަތު ތަފާތެވެ. ރާއްޖޭގެ ހާލަތުވެސް ތަފާތޭ ބުނެވިދާނެއެވެ.

މިއީ ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތެވެ. ރާއްޖޭން ޖުމުލަ ފަސް ފައިނަލެއްގައި ވާދަކުރި އިރު، އެންމެފަހުން މިހާރުގެ ޑާކާ ސްޓޭޑިއަމްގައި ތަށި ނެގީ އިންޑިއާ ބަލިކޮށްގެންނެވެ. 2009 ވަނަ އަހަރުވެސް ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް އޮތް އިރު، އެފަހަރުވެސް ރާއްޖެ ފައިނަލް ކުޅުނެވެ. ބަލިވީ އިންޑިއާ ކައިރިންނެވެ. އެއީ ޕެނަލްޓީގައެވެ. އޭރު ރާއްޖޭގެ ކޯޗަކީ މިހާރުވެސް ކޯޗު، އިސްތަވާން އުރުބާނީއެވެ.

ބަންގްލަދޭޝްގެ ގައުމީ ސްޓޭޑިއަމް މިފަހަރު ސާފަށް ތައްޔާރުވެފައި --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

އޭގެ 23 އަހަރު ކުރިން 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެ ފައިނަލް ކުޅުނެވެ. އެފަހަރު ތަށި ނެގީ ހޯމް ގައުމު ބަންގްލަދޭޝްއެވެ. އެއީ ބަންގްލަދޭޝްއަށް ހޯދުނު ފުރަތަމަ އަދި ހަމައެކަނި ސާފް ޗެމްޕިއަންޝިޕެވެ. އެގައުމުން އެ އިންތިޒާރަށް ނިމުން ގެންނަން މިފަހަރު ތަފާތު މަސައްކަތްތަކެއް ކުރި އިރު، އެޓީމަކީ ގިނަ ކޯޗުންގެ ފެވަރިޓެކެވެ.

އިއްޔެގެ ޕްރި ޓޯނަމެންޓް ޕްރެސްގައި އިންޑިއާ ކޯޗު ނައުޝާދު މޫސާއާއި ސްރީ ލަންކާ ކޯޗު އަބްދުﷲ އަލް މުތައިރީވެސް ފެވަރިޓުންގެ ލިސްޓް ކީއިރު، ބަންގްލަދޭޝް އޮތީ އެއްވަނައިގައެވެ. ދެން އެ ލިސްޓްގައި ހިމެނުނީ އިންޑިއާއާއި ޕާކިސްތާނެވެ. ރާއްޖެއަކީ މީގެ ކުރިން އެ ލިސްޓްގެ ޓީމެއް ނަމަވެސް މިހާރު އެ ލިސްޓަށް އެހެން ކޯޗުން ލާ ޓީމެއް ނޫނެވެ.

ސްޓޭޑިއަމް ކައިރީގައި މަޑުމަޑުން ދަނީ މުބާރާތުގެ ކުލަ ޖެހެމުން --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

ފުޓުބޯޅައިގެ ހާލަތު މުޅިން ގޯހަށް ގޮސް، މަޑުމަޑުން އާ އެފްއޭއެމް ލީޑާޝިޕަކާއެކު ރާއްޖެއަށް ދިރުން ލިބެމުންދާ ނަމަވެސް، މިހާރު ފެވަރިޓެއް ނޫންކަމަށް ކޯޗު އުރުބާނީވެސް ފާހަގަކޮށްފައިވެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އުރުބާނީ ބުނީ މިހާރު ފުޓުބޯޅައިގެ ހާލަތު އޮތީ ބަދަލުވެފައިވާ ކަމަށެވެ.

"މި ކުޅިވަރުގައި އިމްޕޮސިބަލްއެކޭ ނުބުނާނެ. އެއީ ފުޓުބޯޅައިގެ ހިތްގައިމު ކަމަކީވެސް. އަހަރެން ދެން ބޭނުމެއް ނޫން ކުރިން ކޯޗުކަން ކުރިއިރު އެ ހޯދުނު ކާމިޔާބީތަކުގެ ވާހަކަ ދައްކާކަށްވެސް. އެކަމަކު 2009 ވަނަ އަހަރު އަހަރެމެން މި ސަރަހައްދުގެ ހުރިހާ ޓީމަކަށް ބޭނުން ގޮތެއް ހެދިން. އިންޑިއާވެސް އަހަރެމެން ކައިރިންވީ މޮޅަކީ ޕެނަލްޓީގައިވީ މޮޅެއް. 2013 ވަނަ އަހަރު ލަންކާ ކޮޅަށް 10 ގޯލްވެސް ޖެހި. ޑޮމިނޭޓް ކުރިން. ދެން މިފަހަރު އިންޑިއާއަކީ ސާފްގެ ފެވަރިޓެއް. އަދި ބަންގްލަދޭޝްވެސް އެހެން ކިއިދާނެ. ދެން ޕާކިސްތާނުން ޓެކްނިކަލީ އެ ތައްޔާރުވަނީ ވަރަށް އަވަހަށް ވޯލްޑް ކަޕަށް ދާން. އެކަމަކު އަހަރެމެންނަނަށް އެއީ މިހާރު ރިއަލިސްޓިކް ކަންކަމެއް ނޫން. އެ ޓާގެޓާއި އެ ހުވަފެންތަކުގެ ވާހަކަ ދެއްކުމަކީ މިހާރު ރިއަލިސްޓިކް ވާހަކައެއް ނޫން،" އުރުބާނީ ކުރިން ދިޔަ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ބުންޏެވެ.

ރާއްޖޭގެ ޓީމަކީ ފެވަރިޓުންގެ ލިސްޓްގައި ހިމެނޭ ޓީމެއް ނޫން ނަމަވެސް، ބަންގްލަދޭޝަކީ ރާއްޖެއަށް މީގެ ކުރިންވެސް ކާމިޔާބު ގައުމެކެވެ. ފައިނަލާ ހަމައަށް ނުގޮސް ނިންމާލާފައެއް ނުވެއެވެ. މިއަދު ޕާކިސްތާން އިންޑިއާ މެޗުން ސާފް ފަށާ އިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮތީ 8 ވަނަ ދުވަހުއެވެ. އެއީ ޕާކިސްތާނާ ދެކޮޅަށެވެ. އެއީ ރާއްޖެ ގަޑިން މެންދުރު ފަހު 2:30 ގައެވެ.

ރާއްޖޭގެ ދެވަނަ މެޗު، 11 ނޮވެންބަރު މެންދުރުފަހު ރާއްޖެ ގަޑިން 2:30 ގައި އޮންނާނީ އިންޑިއާއާ ދެކޮޅަށެވެ. ރާއްޖޭ ގްރޫޕްގައި ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނެވެ.