ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީއާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓޮޓެންހަމްއާ ދެމެދު ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.

އިޓަލީގެ ބްލޫއެނާޖީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސުޕަ ކަޕް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ޕީއެސްޖީން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މިއީ ޕީއެސްޖީން ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ރޭގެ މެޗަކީ ޓޮޓެންހަމްއާ އަލަށް ހަވާލުވި ކޯޗު، ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ. މެޗުގެ ބޮޑުބައެއްގައި ޓޮޓެންހަމް ލީޑު ކޮށްފައިވާ އިރު، އެޓީމަށް ލަނޑު ލިބުނީ އެންމެ ފަހުވަގުތުކޮޅުގައެވެ.

ކްލަބު ވޯލްޑް ކަޕު ފައިނަލުގައި ޗެލްސީ ކައިރިން ބަލިވި ޕީއެސްޖީ، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަރިތަކުރުންތަކަށް ނުކުމެފައިވާ އިރު، އެޓީމުން މެޗު އަނބުރާލީ ފަހު 10 މިނެޓު ތެރޭގައެވެ.

މެޗުގެ 84 ވަނަ މިނެޓާ ހަމައަށް ޓޮޓެންހަމް ދެ ގޯލުގެ ލީޑުގައި އޮތް އިރު، ފުރަތަމަ ހާފު ނުނިމެނީސް ލަންޑަނުގެ ޓޮޓެންހަމްއިން ލީޑު ނެގިއެވެ. ޖައޯ ޕައުލީނިއާގެ ހަމަލާ، ޕީއެސްޖީގެ ކީޕަރު ލޫކަސް ޝެވަލިއޭ އަތުގައި ޖެހިފައި ނުކުތުމުން ގޯލަށް ވައްދާލީ މިކީ ވެން ޑެ ވެން އެވެ.

ޝެވަލިއޭ މެޗުގައި ޕީއެސްޖީގެ ގޯލު ބަލަހައްޓާފައިވާ އިރު، އޭނާއަކީ ކުރިއަށް އޮތްތަނުގައި އެޓީމުގެ އެއް ނަންބަރު ގޯލްކީޕަރަށް ވާނެ އެވެ. މި ސީޒަނަށް ގެންދިޔަ ޝެވަލިއޭ ހުރުމާއެކު، އެޓީމުން ޖިއާންލުއީޖީ ޑޮނަރޫމަ ސްކޮޑުގައިވެސް ނުހިމަނައެވެ. އެކަމާ ހިތްހަމަ ނުޖެހި ޑޮނަރޫމާ ވަނީ ކްލަބު ދޫކޮށްލާނެކަން އިއުލާނު ކޮށްފައެވެ.

ދެވަނަ ހާފުގައި ކްރިސްޓިއަން ރޮމޭރޯގެ ގޯލަކުން ޓޮޓެންހަމް ސުޕަ ކަޕް ކާމިޔާބުކުރުމާ ގާތަށް ޖެހިލި ނަމަވެސް، ފަހު 10 މިނެޓު ތެރޭގައި އެޓީމު ކޮޅަށް ޕީއެސްޖީން ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ ލީ ކޭންގް-އިން އާއި ބަދަލަކަށް ނުކުތް ގޮންކާލޯ ރާމޯސް އެވެ.

ޕެނަލްޓީގައި ކީޕަރު ޝެވަލިއޭ މުހިއްމު ސޭވެއް ކޮށްފައިވާ އިރު، ޓޮޓެންހަމްއަށް ނާކާމިޔާބުވީ ވަން ޑެ ވެން އާއި މަތެއަސް ޓެލް ޖެހި ޕެނަލްޓީތަކެވެ.