މި ސީޒަނަށް އަލަށް ގެންދިޔަ ފްރާންސްގެ ތަރި ކިލިއަން އެމްބާޕާގެ ގޯލާއެކު ރެއާލް މެޑްރިޑުން ރެކޯޑު ހަވަނަ ފަހަރަށް ޔޫއެފާ ސުޕަ ކަޕް މެޗު ކާމިޔާބުކޮށްފިއެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެޓަލާންޓާ، 2-0 އިން ބަލިކޮށް ރެއާލުން ރޭ ސުޕަ ކަޕް ކާމިޔާބުކުރީ ޕޮލެންޑްގެ ވާސޯގައި ކުޅުނު މެޗުންނެވެ. ރޭގެ މެޗު އެންމެ ހާއްސަވީ ރެއާލް ޖާޒީގައި ފުރަތަމަ ފަހަރަށް ވާދަވެރި މެޗަކަށް ނުކުތް އެމްބާޕޭއަށެވެ. ޕީއެސްޖީ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ބަދަލުވި އެމްބާޕޭ ރޭގެ މެޗުގައި ގޯލު ޖަހާފައިވާ އިރު، ރޭގެ މެޗަކީ އޭނާ ރެއާލް ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އެމްބާޕޭ ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ވަނީ ރެއާލް ހިފަހައްޓަން ޓެކްޓިކަލް ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. ޖިއާން ޕިއެރޯ ގަސްޕެރީނީގެ ރޭވުންތެރިކަމާއެކު ފުރަތަމަ ހާފުގައި ރެއާލް މަޑު ޖައްސުވާލި ނަަމަވެސް ދެވަނަ ހާފަށް ނުކުމެ ރެއާލުން ކުޅުން ބަދަލުކޮށް، އަވަސް ލީޑެއްވެސް ނެގިއެވެ.
ދެވަނަ ހާފު ފެށިތާ މާގިނައިރެއް ނުވެ، ރެއާލުން މެޗުގެ 59 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ. މެޗުން ރެއާލް ބޭނުންވި މޮޅު ޔަގީންކޮށްދޭން އެޓީމުން ދެވަނަ ގޯލެއް ޖެހީ 68 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޖޫޑް ބެލިންހަމް ދިން ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އެމްބާޕޭ ޖެހި ގޯލާއެކު ރެއާލަށް ސުޕަ ކަޕް ޔަގީންކުރެވުނެވެ.
ރޭގެ މެޗުގުގައި އިތުރު ހަމަލާތައްވެސް ފެނިގެން ގޮސްފައިވާ އިރު، ރޮޑްރީގޯގެ ބާރު ހަމަލާ އަމާޒުވީ ދަނޑިއަށެވެ. އަނެއްކޮޅުން އެޓަލާންޓާގެ މާޓެން ޑެ ރޫން ޖެހި ބޯޅަވެސް އަމާޒުވީ ދަނޑިއަށެވެ.
ޔޫއެފާ ސުޕާ ކަޕް
ޔޫއެފާ ސުޕާ ކަޕް
ޔޫއެފާ ސުޕާ ކަޕް
ޔޫއެފާ ސުޕާ ކަޕް