ޕީއެސްޖީން ތައްޔާރުވަމުން އަންނަ ޔޫއެފާ ސުޕަ ކަޕް މެޗުގެ ސްކޮޑުން ޖާގަ ނުދިނުމުން، އެކަމާ އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ނޫސްތައް ބުނެފިއެވެ.

ކޯޗު ލުއިސް އެންރީކޭއާ އެކު ޕީއެސްޖީން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުވެސް ހޯދާފައިވާ އިރު، ޑޮނަރޫމާއަކީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެހެން ނަމަވެސް، އުމުރުން 26 އަހަރުގެ ޑޮނަރޫމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ދެން އާ ނުކުރާނެ ކަމަށް ނޫސްތައް ބުނެއެވެ.

ޑޮނަރޫމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތުމާ އެކު، މިހާރު ކުރިއަށްދާ ޓްރާންސްފާ ވިންޑޯގައި އޭނާ ވިއްކާލަން ކްލަބުން ބޭނުންވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފައިވެއެވެ.

ޑޮނަރޫމާވެސް ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ސުޕަ ކަޕް ސްކޮޑަށް އޭނާ ނުނެގުން އެއީ އިތުރަށް މީޑިއާގެ ސަމާލުކަމަށް އެކަން އައި ކަމެކެވެ.

ޕީއެސްޖީން އުމުރުން 23 އަހަރުގެ ފްރާންސް ކީޕަރު ލޫކަސް ޝެވަލިއޭވެސް ގެންގޮސްފައިވާ އިރު، އިތުބާރު ނޫސްތައް ބުނީ އަންނަ ސީޒަނުން ފެށިގެން ރަސްމީކޮށް ފުރަތަމަ 11 އިން ޖާގަ ހޯދާނީ ޝެވަލިއޭ ކަމަށެވެ.

ލިލްއަށް މޮޅަށް ކުޅެމުން އަންނަ ޝެވަލިއޭ އަކީ ޔޫއެންއެފްޕީ ފުޓުބޯލާސް ޔޫނިއަންއިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުވެސް މެއެވެ.

ޑޮނަރޫމާ ޕީއެސްޖީ ދޫކޮށްލަން މަސައްކަތް ކުރާނެ ކަމަށް ބެލެވިފައިވާ އިރު، އޭނާ ހޯދަން ބައެއް ކްލަބުތަކުން ޝައުގުވެރިވާ ކަމަށް ނޫސްތައް ބުނެއެވެ. އޭގެ ތެރެއިން އެއް ކްލަބަކީ ޗެލްސީ ކަމަށް ކުރީން އަޑުތައް ފެތުރުނު ނަމަވެސް، އިތުބާރު ނޫސްތައް ބުނީ ޗެލްސީން އިތުރު ގޯލްކީޕަރަަކަށް މަސައްކަތް ނުކުރާނެ ކަމަށެވެ.