އަންނަ އޮގަސްޓް މަހު އޮންނަ ޔޫއެފާ ސުޕަ ކަޕް މެޗުގައި ރެފްރީކަން ކުރާނީ ސޯމާލިއާގެ ރެފްރީ އޮމަރް އަބްދުލްކާދިރު އަރްތަން ކަމަށް ޔޫއެފާއިން އިއުލާނު ކޮށްފިއެވެ.

އަރްތަންއަކީ މިވަގުތު ދުނިޔޭގެ ސަމާލުކަން ބޮޑުވެފައިވާ ރެފްރީއެކެވެ. އެގޮތުން ވޯލްޑް ކަޕް 2026 ގައި ރެފްރީކަން ކުރުމަށް އޭނާ ދިޔުމުން އެމެރިކާގެ މިޔާމީ އެއާޕޯޓުގައި ހިފަހައްޓައި، 11 ގަޑިއިރެއްހާއިރު ވަންދެން ސުވާލުކުރުމަށް އެެމެރިކާއަށް އޭނާ ވައްދާފައެއް ނުވެއެވެ. އެމެރިކާއިން ބުނީ އެއީ ނިރުބަވެރި ޖަމާއަތަކާ ގުޅުން އޮތީތީ ކަމަށެވެ.

ރްތަންއަކީ ސޯމާލިއާއިން ވޯލްޑް ކަޕަށް ދިޔަ ފުރަތަމަ ރެފްރީއެވެ. އޭނާ ތައްޔާރުވީ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރި ފުރަތަމަ ސޯމަލިއާ ރެފްރީއަށް ވުމަށެވެ. 2025 ވަނަ އަހަރު އެފްރިކާ ފުޓުބޯޅައިގެ މައި އިދާރާ ކޮންފެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ހޮވި އެންމެ މޮޅު ރެފްރީއަކީ އަރްތަން ކަމަށްވާ އިރު، އޭނާއަށް އެމެރިކާއަށް އެތެރެ ނުވެވުން ވީ ފީފާއާއި އެމެރިކާއިން ފާޑުކިޔުން ބޮޑުވި ކަމަކަށެވެ.

މިފަހަރު ސުޕަ ކަޕް އޮގަސްޓް 12 ވަނަ ދުވަހުގެ ރޭ އޮންނަ އިރު، ވާދަކުރާނީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާއެވެ. އެއީ ޔޫރަޕްގެ މުބާރާތްތައް ފަށަން ކޮންމެ ސީޒަނެއްގައި ކުޅޭ ޝަރަފުވެރި މެޗެކެވެ.

އަރްތަން އެމެރިކާއަށް ނުވެއްދުމާއެކު، އަނބުރާ ގައުމަށް އިއްޔެ ދިޔުމާއެކު އެގައުމުން ވަނީ އޭނާއަށް ބޮޑު މަރުހަބާއެއް ކިޔައިފައެވެ.

ސޯމާލިއާއަކީ އެމެރިކާގެ ބްލެކްލިސްޓް ގައުމަކަށްވާތީ، އަރްތަން އެމެރިކާއަށް ދިޔައީ ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދައި، ހުރިހާ ލިޔެކިޔުންތައް ހަމަކޮށްގެންނެވެ. އެހެން ނަމަވެސް އެމެރިކާ އިމިގްރޭޝަނަށް އޭނާވީ "ނިރުބަވެރިންނާ ގުޅުން އޮތް މީހަކަށެވެ." އެއީ ކިހާ ހިސާބުން ދިމާވި ކަމެއްކަން މީޑިއާތަކުން ވެސް ސާފެއް ނުވެއެވެ. ވޯލްޑް ކަޕުގައި އެމެރިކާއިން ދައްކަމުންދާ ހަރުކަށިކަމުގެ އިތުރު ސަފުހާއެއް އެ މައްސަލައިގައި ފެނިގެން ދިޔައެވެ.