ސްޕެނިޝް ލަ ލީގާގެ މެޗެއް ފުރަތަމަ ފަހަރަށް ސްޕެއިނުން ބޭރުގައި ކުޅެން ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުން ހުއްދަ ދީފައިވާ ނަމަވެސް، އެކަމާ ރެއާލް މެޑްރިޑުން ދެކޮޅުކަން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް ސީޒަނުގެ ލީގުގައި ބާސެލޯނާ އާއި ވިލަރޭލް، ވިލަރެއާލްގެ އެސްޓާޑިއޯ ޑެ ލަ ކެރަމިކާގައި ޑިސެމްބަރު މަހު ކުޅެން އޮތް މެޗު، އެމެރިކާގެ މިއާމީ، ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅެން ދެ ކްލަބުންވެސް ވަނީ ސްޕެއިންގެ ފުޓުބޯޅަ އިދާރާގައި އެދިފައެވެ.

ދެ ކްލަބުގެ އެ އެދުމަށް ފެޑެރޭޝަނުން އާނބަސް ބުނެފައިވާ އިރު، މިހާރު ފެޑަރޭޝަނުން އަންނަނީ އެކަމަށްޓަކައި ފީފާއާއި ޔޫއެފާގެ ހުއްދަ ހޯދަން މަސައްކަތް ކުރަމުންނެވެ.

އެކަމާ ދެކޮޅަށް ސްޕެއިން ފުޓުބޯޅައިގެ ސަޕޯޓަރުންގެ ގްރޫޕެއް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ސަޕޯޓާސް ކްލަބު އެފްއޭއެސްއެފްއީން ނެރުނު ބަޔާނެއްގައި ސްޕޯޓްސް ކައުންސިލާއި ފެޑަރޭޝަނަށް ގޮވާލާފައި ވަނީ ނިންމައިގެން އުޅޭ ނިންމުމަކީ މޮޔަ ކަމެއް ކަމަށާއި، އެކަން ވީ އެންމެ އަވަހަކަށް ހުއްޓާލުމަށެވެ.

ފީފާގެ އާއްމު ގަވާއިދު ބުނާގޮތުން އެގައުމެއްގެ ލީގު މެޗެއް، އެހެން ގައުމެއްގައެއް ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް، ވިޔަފާރީގެ ބޭނުމުގައި އެކަން ބަދަލުކުރަން ބައެއް ކްލަބުތަކާއި ލީގުތަކުން ބޭނުންވާތީ، އެ މައްސަލަ ދިރާސާ ކުރަން ފީފާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅިގެން ރެއާލުން ބުނީ ލަ ލީގާގެ އެ ވިސްނުމާ މުޅިން ދެކޮޅު ކަމަށާއި، އެކަން ހުއްޓުވައިދޭން ޔޫއެފާއާއި ފީފާ އަދި ސްޕެއިންގެ ހަޔާ ސްޕޯޓްސް ކައުންސިލްގެ ކިބައިން އެދިފައިވާ ކަމަށެވެ.

ރެއާލުން ބުނީ ފެޑަރޭޝަނުގެ ނިންމަން އުޅޭ ނިންމުމަކީ މުޅި ލީގުގެ ނަޒާހާތްތެރިކަން ގެއްލޭނެ ކަމެއް ކަމަށާއި، އެ ނިންމުމުގެ ސަބަބުން ލީގުގެ ހޯމް އަދި އަވޭ އުސޫލު އެއްކޮށް ފުނޑުފުނޑުވާނެ ކަމަށެވެ. ރެއާލުން ބުނީ އެހެން ވަކި ޓީމެއްގެ ހޯމް މެޗު، އެހެން ގައުމެއްގައި ކުޅޭނަމަ، ލީގުގެ ބެލެންސް ގެއްލި، އިންސާފަށް އަސަރު ކުރާނެ ކަމަށެވެ.

ނޫސްތައް ބުނީ ލަ ލީގާގެ ރައީސް ހާވިއޭ ތޭބާސްއަކީ އަބަދުވެސް މާލީ މަންފާ އިތުރުކުރެެވޭނެ ގޮތްތަކަށް ވިސްނާ ފަރާތެއް ކަމަށާއި، ގައުމުން ބޭރުގައި މެޗުތައް ކުޅެން ވިސްނަނީވެސް އެހެންވެގެން ކަމަށެވެ.