އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޕްލިމިނަރީ ކޮލިފިކޭޝަން ބުރުގައި ކުވައިތުގެ އަލް އަރާބީން، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާގެ މައްޗަށް އަރާބީން ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އަރާބީއަށް ޗެލެންޖް ލީގު ގްރޫޕް ސްޓޭޖުން ފުރުސަތު ޔަގީންވެފައިވާ އިރު، މާޒިޔާއަށް މިއަހަރުގެ ގްރޫޕް ސްޓޭޖުން ދެން ފުރުސަތު ނުލިބޭނެއެވެ.

މިދިޔަ އަހަރުގެ ޗެލެންޖް ލީގު ގްރޫޕް ސްޓޭޖުގައި މާޒިޔާ ވާދަކޮށްފައިވާ އިރު، އެފަހަރު ގްރޫޕް ސްޓޭޖު މެޗުތައް ކުވައިތުގައި ސެންޓްރަލައިޒްކޮށް ކުޅުނީ އަރާބީގެ ދަނޑުގައެވެ. އެ ފަހަރު މާޒިޔާ 2-0 އިން ބަލިވި އިރު، އެ މެޗުގައި ރަނގަޅަށް ކުޅެފައިވެއެވެ.

އެފަހަރު ރަނގަޅު ވާދައެއް ކުރި ނަމަވެސް، މިއަދު ކުޅުނު މެޗުގެ ފެށުންވެސް މާޒިޔާއަށް ދިޔަައީ ވަރަށް ގޯސްކޮށެވެ. މެޗުގެ ތިންވަނަ މިނެޓުގައި އަރާބީން ވަނީ މާޒިޔާ ކޮޅަށް ގޯލު ޖަހައިފައެވެ. އެ ގޯލު ޖަހައިދިނީ އަންވަޔޯ އިވުއާލާއެވެ.

އެ ގޯލާއެކު ލީޑު ނަގައި، ހާފު ނިމުމުގެ ކުރިން އަރާބީން ވަނީ ދެވަނަ ގޯލަކާއެކު ލީޑު ފުޅާކޮށްފައެވެ. މެޗުހެ 41 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ގޯލު ޖެހީ ފޮންޓެއިން ބިން ގޯޔޭ ސިބަންބީއެވެ.

ދެވަނަ ހާފަށް މާޒިޔާއިން ނުކުތީ ތިން ބަދަލަކާއެކުގައެވެ. ހުސައިން ރާއިފް އަހުމަދު (ހަންނަ)ގެ ބަދަލުގައި ޒުވާން ފޯވަޑް، މުހައްމަދު އިލާން އިމްރާން ކުޅެން ނެރެފައިވާ އިރު، ބިދޭސީ ކުޅުންތެރިން ކަމަށް އައިރަމް ވިއެރާ އަދި މިލްޖާންގެ ބަދަލުގައި ކުޅެން ނެރުނީ އައިސަމް އިބްރާހީމާއި އަލީ ފާސިރު (ސެންޓޭ) އެވެ.

12 އޮގަސްޓް 2025، މާލެ، އޭއެފްސީ ޗެލެންޖް ލީގު ކޮލިފިކޭޝަން ސްޓޭޖުގައި މާޒިޔާއާއި ކުވައިތުގެ އަލް އަރާބީ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ ބަދަލުތަކާއެކު ނުކުތް މާޒިޔާއަށް އިތުރު ފުރުސަތެއް ނުދީ އަރާބީން ވަނީ މެޗުގެ ތިންވަނަ ގޯލެއްވެސް ޖަހައިފައެވެ އެ ގޯލަކީ 55 ވަނަ މިނެޓުގައި ކްރިސްޓޮފާ ޕޮވޭއީ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން މެޗު ނިމެން ދަނިކޮށް، ހުސައިން މޮހްސިން ޖެހި ގޯލަކާއެކު އަރާބީން ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖު ޔަގީންކުރިއެވެ.

މީގެ ކުރިން މާޒިޔާއިން އޭއެފްސީ ކޮލިފިކޭޝަންގައި ވާދަކޮށްފައި ވަނީ 2014 އާއި 2020 ވަނަ އަހަރުއެވެ. އެ ދެފަހަރުވެސް މާޒިޔާއިން ވަނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފައެވެ. އަދި 2020 ވަނަ އަހަރު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން އެޓީމުން ޖާގަ ހޯދީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއި އިންޑިއާގެ ބެންގަލޫރު އެފްސީވެސް ކަޓުވާލުމަށްފަހުއެވެ.