ފ. ނިލަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ބޭސިން ފުންކުރުމުގެ މަސައްކަތުގެ 60 ޕަސެންޓު ނިންމައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިރޭ ބުނީ ނިލަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން މަސައްކަތަށް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ކުއޭ ވޯލް އެޅުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ނިލަންދޫ ބަނދަރު މަސައްކަތަށް ބޭނުންވާ، ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންދިޔައީ 4 މާޗް 2024 ގައެވެ. އެ މަޝްރޫއަކީ 61.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ނިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި 25 ވަަނަ ދުވަހުއެވެ.

10 އޮގަސްޓު 2025: ފ. ނިލަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް --- ފޮޓޯ/ އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 55,141 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން.
  • 6,933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
  • 2367 މީޓަރުގެ އެއްގަމުތޮށި ލުން.
  • 261 މީޓަރުގެ ބޭރުތޮށި ލުން.
  • 75 މީޓަރުގެ ރިވެޓްމެންޓް ޖެހުން.
  • 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން.
  • 100 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުން.
  • 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން.
  • 1151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުން.
  • ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބޯއީސް ހަރުކުރުމުގެ މަަސައްކަތް.