ފްރާންސްގެ ގޯލްކީޕަރު، ލޫކަސް ޝެވަލިއޭ ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ޝެވަލިއޭ ޕީއެސްޖީއަށް ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޝެވަލިއޭ ކްލަބާ ގުޅުނުކަން ޕީއެސްޖީން އިއުލާނުކުރި ނަމަވެސް، އޭނާގެ އަގު ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.

ފްރާންސްގެ ނޫސްތަކުން ބުނީ ޝެވަލިއޭ ގެންދަން ޕީއެސްޖީން 40 މިލިއަން ޔޫރޯ ހަރަދުކުރި ކަމަށެވެ.

ޝެވަލިއޭ ޕީއެސްޖީއަށް ބަދަލުވީ އޭނާގެ އުފަން ރަށަށް ނިސްބަތްވާ ލިލްގެ ފުރަތަމަ ޗޮއިސް ގޮތުގައި ހުރުމަށްފަހުއެވެ. ލިލްގެ ޔޫތު އެކަޑެމީ ތެރެއިން ސީނިއާ ޓީމަށް ނުކުތް ޝެވަލިއޭ ވަނީ ވެލެންސިއެނޭސްއަށް ލޯނުގައިވެސް ކުޅެފައެވެ. އޭނާގެ ލިލްގެ ގޯލު ބަލަހައްޓަން ފަށާފައި ވަނީ 2022-23 ވަނަ އަހަރުގެ ސީޒަނާ ހިސާބުންނެވެ. ޝެވަލިއޭ އަކީ ޔޫއެންއެފްޕީ ފުޓުބޯލާސް ޔޫނިއަންއިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުވެސް މެއެވެ.

ޝެވަލިއޭ ގެންދިޔުމާ އެކު މިވަގުތު ޕީއެސްޖީގައި ހުރި ޖިއާންލުއީޖީ ޑޮނަރޫމާގެ ކުރިމަގާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ކޯޗު ލުއިސް އެންރީކޭއާ އެކު ޕީއެސްޖީން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުވެސް ހޯދާފައިވާ އިރު، ޑޮނަރޫމާއަކީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އެހެން ނަމަވެސް، އުމުރުން 26 އަހަރުގެ ޑޮނަރޫމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ދެން އާ ނުކުރާނެ ކަމަށް ނޫސްތައް ބުނެއެވެ.

ޑޮނަރޫމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތުމާ އެކު، މިހާރު ކުރިއަށްދާ ޓްރާންސްފާ ވިންޑޯގައި އޭނާ ވިއްކާލަން ކްލަބުން ބޭނުންވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފައިވެއެވެ.

ޑޮނަރޫމާއަށް ޔޫރަޕްގެ ބައެއް ބޮޑެތި ކްލަބުތަކުންވެސް ލޯ އަޅަމުންދާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެ ކްލަބުތަކުގެ ތެރޭގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްވެސް ހިމެނެއެވެ.