އާރްބީ ލެއިޕްޒިގަށް ކުޅެމުންދިޔަ ބެންޖަމިން ސެސްކޯ ގެންދަންވެސް މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ސެސްކޯ، މިދިޔަ ސީޒަނުގެ ޖަރުމަނު ލީގުގައި ކުޅުނު 33 މެޗުގައި 13 ގޯލު ޖަހާފައިވެއެވެ.

ސެސްކޯ ހޯދަން ޔުނައިޓެޑުން ކުރި މަސައްކަތް މިހާރު ކާމިޔާބުވެފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އޭނާގެ އަގަކީ 74 މިލިއަން ޕައުންޑް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ސެސްކޯ ގެންދަން އެއްބަސްވުމަކަށް އައިސްފައިވާ އިރު، އެއީ މި ހިނގާ ޓްރާޏްސްފާ ވިންޑޯގައި ޔުނައިޓެޑުން ހޯދި ތިންވަނަ ފޯވަޑެވެ. މީގެ ކުރިން އެ ކްލަބުން ވަނީ ބްރައިން އެމްބުއޭމޯއާއި މަތެއަސް ކޫންޏާ ގެންގޮސްފައެވެ. އެ ދެ ކުޅުންތެރިން ޕްރި ސީޒަނުގައިވެސް ފެނިގެންދާ އިރު، އަދިވެސް ގޯލު ޖެހުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބެއެވެ.

ޔުނައިޓެޑުން މިހާތަނަށް މި ޓްރާންސްފާ ވިންޑޯގައި ފޯވަޑުން ގަތުމަށް ވަނީ 201 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ.

މިދިޔަ ސީޒަނަކީ ޔުނައިޓެޑަށް އުނދަގޫ ސީޒަނެކެވެ. ތަށްޓެއް ނުލިބި ސީޒަން ނިންމާލި އިރު، ރުބެން އަމޯރިމްއަށް ވަނީ ނަތީޖާ ރަނގަޅުކުރުމަށް ކޮންމެހެންވެސް ސްކޮޑު ވަރުގަދަކުރަން ޖެހިފައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑްގެ ހައިރާކީން މިހާރު މަސައްކަތް ކުރަމުން ދަނީ ކްލަބަށް ބޭނުން ނެތް ކުޅުންތެރިން ބޭރުކޮށް، ގިނަ ކުޅުންތެރިންތަކެއް ފޮނުވާލުމަށް ކަމަށެވެ. އިތުބާރު ނޫސްތަކުން ބުނީ ޔުނައިޓެޑުން އެކަންތައް ވީ އެންމެ އަވަހަކާ ކުރަން ބޭނުންވާ ކަމަށާއި އެ ކުޅުންތެރިން ޓްރާންސްފާ ކޮށްގެން ނޫނީ އާ ކުޅުންތެރިޔަކު ހޯދަން ފަންޑު ނުހޯދޭނެ ކަމަށެވެ.

ފޮނުވާލަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޑެންމާކު ފޯވަޑް، ރަސްމުސް ހޮއިލުންޑް ހިމެނޭ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ހޮއިލުންޑާއެކު މިދިޔަ ސީޒަނުގެ ގޯލު ޖެހުމުގެ ރެކޯޑު ފެނުނީ ދަށްކޮށެވެ. މުޅި ސީޒަނުގައި ޔުނައިޓެޑަށް ޖެހުނީ އެންމެ 44 ގޯލެވެ. އެއީ 74-1973 ވަނަ އަހަރުގެ ސީޒަނަށްފަހު އެ ކްލަބުގެ އެންމެ ދަށް ރެކޯޑެވެ.