ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޏ. ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އައްޔަން ކުރަން ހުއްޓުވުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލެކެވެ. އެ ވަކީލު ވަނީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ވެސް ކުރިމަތިލައްވައިފައެވެ. އެ މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށާއި އެހެންވެ ޝަހީދު އައްޔަން ކުރުން މަޑުޖައްސާލަން ކޯޓު އަމުރެއް ނެރެދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބަލައިގަނެފައިވާ އިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަހީދު އައްޔަންކުރާ ރަސްމިއްޔާތު މިރޭ ބާއްވަން ނިންމައިފައެވެ.

އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ސުޕްރީމް ކޯޓުގައެވެ.

ފަނޑިޔާރުގެ މަގާމަށް ޝަހީދު ހޮވިފައިވާ އިރު، އޭނާ ވަނީ މީގެ ކުރިން ސިޔާސީ އެކިއެކި މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. ޝަހީދު ވަނީ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ޝަހީދަކީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023ގެ ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.