ނިއުކާސަލް ޔުނައިޓެޑްގެ ސްވިޑެން ފޯވަޑް، އެލެކްސެންޑާ އިސާކް ހޯދުމަށް ލިވަޕޫލުން ކުރި ފުރަތަމަ ބިޑަށް އެ ކްލަބުން ނޫނެކޭ ބުނެފިއެވެ.

އިސާކް ނިއުކާސަލް ދޫކޮށްލާނެ ކަމަށް މާ ކުރިންވެސް އަޑުތައް ފެތުރިފައިވާ އިރު، އެ ކްލަބުން ޕްރި ސީޒަނުގައި އޭޝިއަށް ކުރަމުންދާ ދަތުރުގައިވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ.

ނިއުކާސަލްއިން ރަސްމީކޮށް އެކަމަށް ބަހެއް ބުނެފައިނުވާ އިރު، ނުރަސްމީކޮށް ބުނީ އިސާކް ޕްރި ސީޒަނުގައި ބައިވެރި ނުވަނީ އަނިޔާއެއްގެ ސަބަބުން ކަމަށެވެ.

ނިއުކާސަލްއިން އިސާކް ވިއްކާލަން ބޭނުން ނުވާ ކަމަށް ކޯޗު އެޑީ ހޯވް ކުރިން ބުނެފައިވާ އިރު، މިހާރު އެ ކްލަބަށް އޭނާގެ މުހިއްމުކަން ކުރިއަށްވުރެ ބޮޑު ކަމަށް ނޫސްތައް ބުނެއެވެ. އެއީ ނިއުކާސަލްއިން ހޯދަން މަސައްކަތްކުރި ފޯވަޑް، ހޫގޯ އެކިޓީކޭ ލިވަޕޫލަށް ސޮއިކޮށްފައިވާތީއެވެ.

އެކިޓީކޭގެ ސޮއި ހޯދުމަށްފަހުވެސް ލިވަޕޫލުން އިސާކަށް މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ލިވަޕޫލުން ފުރަތަމަ ބިޑެއް ކުރީ މިއަދުއެވެ.

އެ ބިޑުގެ ސީދާ އަގެއް ނޫސްތަކުން ހާމަކޮށްފައި ނުވާ އިރު، ހަބަރުތައް ބުނީ ބިޑުގެ ޖުމުލަ އަގު 110 މިލިއަން ޕައުންޑަށް އަރާނެ ކަމަށެވެ. އެއީ ނިއުކާސަލްއިން އިސާކަށް ކިޔާ އަގަށްވުރެ ކުޑަ އަގެއް ކަމަށްވެސް ނޫސްތައް ބުނެއެވެ.

ނޫސްތަކުން ބުނީ އުމުރުން 25 އަހަރުގެ ފޯވަޑަށް ކްލަބުން ކިޔާފައިވާ އަގަކީ 150 މިލިއަން ޕައުންޑް ކަމަށެވެ.

އިސާކް މިދިޔަ ސީޒަނުގައި ނިއުކާސަލްއަށް ކުޅުނު 42 މެޗުގައި 27 ގޯލު ޖަހައިދީފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި ނިއުކާސަލްއިން މިހާރު ޝައުގުވެރިވާ އެއް ފޯވަޑަކީ ބްރެންޓްފޯޑުގެ ޔޯނޭ ވީސާއެވެ.