ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން އެދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ފުލުހަށް ސިޓީއެއް ފޮނުވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ އެމްއޭސީއެލްގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ސޮއިކުރައްވައި، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް މިދިޔަ ހޯމަ ދުވަހު ފޮނުވި ސިއްރު ސިޓީއެއްގައި ވިދާޅުވެފައިވަނީ ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި ކޮންޓްރޯލް ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯން ބިން މައްޗަށާއި މޫދަށް ވެއްޓި އަދި ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.
"މި ހާދިސާގައި މި ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި މި ކުންފުންޏަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ..،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ޑްރޯން ޝޯއަށް ދިމާވި މައްސަލައަކީ ތިންވަނަ ފަރާތެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ.
"ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރިކުއެންސީއަށް ނުވަތަ އެނޫން ގޮތަކުންވިޔަސް އިންޓަފިއާ ކުރުމުގެ ސަބަބުން ދިމާވި މައްސަަލައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެ ފަރާތުން ވަނީ ކުންފުންޏަށް މައުލޫމާތު ދެއްވައިފައެވެ..،" ޝަރީފު ވިދާޅުވިއެވެ.
އެގޮތަށް ބެލެވެނީ އެއްވެސް މައްސަލައެއް ދިމާނުވެ، ޑްރޯން ޝޯގެ ފުލް ރިހާސަލް ރަސްމިއްޔާތުގެ ކުރިން ކާމިޔާބުކަމާއެކު ބާއްވާފައިވާތީ އާއި ޑްރޯންތަކުގެ މައްސަލަ ދިމާވި ވަގުތުގައި ރަސްމިއްޔާތުގެ ކަންކަމުގައި އެއާޕޯޓުގައި މަސައްކަތް ކުރަމުންދިޔަ އެހެނިހެން ޓެކްނިކަލް ފަރާތްތަކަށްވެސް ސިގްނަލް ގެއްލުމުގެ ސަބަބުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޑްރޯން ޝޯ ނިމުނުފަހުން ސިސްޓަމް ރީޓެސްޓް ކުރި އިރު، ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާނުވެ ރަނގަޅަ މަސައްކަތްކުރިކަމަށް ޑްރޯން ޝޯ އޮޕަރޭޓްކުރި ކުންފުނިން މައުލޫމާތު ދީފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. ޑްރޯންތައް ވެއްޓެން ދިމާވި ހާދިސާ އެމްއޭސީއެލްއަށް ވެސް އަދި ޑްރޯން ޝޯ އޮޕަރޭޓްކުރި ކުންފުންޏަށްވެސް ދެނެގަނެވިފައިނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެ ޑްރޯން ޝޯ އޮޕަރޭޓްކުރި ކުންފުނިން ދަނީ އެ ފަރާތަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް މަަސައްކަތްކުރަމުން ކަމަށް ޝަރީފު ވިދާޅުވިއެވެ. ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ލިބިފައިވާ ގެއްލުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްއޭސީއެލުން ޒިންމާވާން ޖެހިދާނެ ފަދަ ގެއްލުމަކަށް ވެއްޖެނަމަ، މާލީ ގޮތުން ބޮޑު ގެއްލުމެއް އެމްއޭސީއެލްއަށް ލިބިގެންދާނެކަމަށް ޝަރީފު ވިދާޅުވިއެވެ.
އެހެންވެ އެ ހާދިސާ ތަހުގީގުކޮށް ދިނުމަށް އެދޭ ކަމަށާއި ތަހުގީގަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް އެމްއޭސީއެލްގެ ފަރާތުން ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް