ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ރައީސަކަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިންތިހާބު ކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގު އިންހާބުކޮށްފައި ވަނީ މިހާރު މީރުމާގައި ކުރިއަށްދާ އެފްއޭއެމްގެ އިންތިހާބީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ. އޭނާއާއި ޓީމު މިފަހަރު އިންތިހާބަށް ކުރިމަތިލައްވާފައި ވަނި ވާދަކުރައްވާނެ އިތުރު ކެނޑިޑޭޓަކު ނެތިއެވެ.

އެގޮތުން ތޯރިގު މިފަހަރު ފޯމު ހުށަހެޅުއްވީ ހުރިހާ ކްލަބެއްގެ ތާއީދު ސިޓީއާއެކުގައެވެ. އެހެންކަމުން މިއަދުގެ އިންތިހާބު އޭނާ ކާމިޔާބުކުރެއްވީ އެއްވެސް ވާދަވެރިޔަކު ނެތިއެވެ.

  • ރައީސް: އަހުމަދު ތާރިގު
  • ސީނިއާ ވީޕީ: އަލީ އިބްރާހިމް (ނިއު ރޭޑިއަންޓް)
  • ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)
  • ވީޕީ: މުޖުތަބާ ޖަލީލް (ނިއު ރޭޑިއަންޓް)
  • އިމްރާން މުހައްމަދު (އިންމަ)
  • މުހައްމަދު އުމައިރު
  • އަހުމަދު އައްބާސް (ޓީސީ)
  • އަލީ ރިޒްވާން (ބީޖީ)
  • އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
  • އަންހެން މެންބަރު: ހައްވާ ރަޝީދާއަބްދުﷲ ނާސިޙް (އޮޑި)

ތޯރިގު ހުށަހެޅުއްވި އެކްސްކޯގެ ހުރިހާ މަގާމަކަށްވެސް މިއަދު މެމްބަރުން އިންތިހާބު ކޮށްފައިވާ އިރު، އެފްއޭއެމް މިފަހަރު އިންތިހާބަކާ ހަމައަށް ގޮސްފައި ވަނީ އަސާސީ ގަވާއިދަށް ބަދަލުވެސް ގެނެސްގެންނެވެ.

އެގޮތުން 27 ޖޫންގައި ބޭއްވި އާއްމު ޖަލްސާގައި އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ނިންމާފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތެވެ. ނޯމަލައިޒޭޝަން ކޮމިޓީން ހުށަހެޅި ގޮތަށް، ކޮންގްރެސްއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން ވަނީ އެ އިސްލާހުތައް ފާސްކޮށްފައެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގައި މިހާރު ކުޅެމުންދާ ހުރިހާ ކުލަބެއް މެންބަރުންގެ ގޮތުގައި ކަނޑައަޅާ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.

އޭގެ އިތުރުން އަލަށް ހޮވޭ ހިންގާ ކޮމިޓީން ރީޖަނަލް އެސޯސިއޭޝަންތައް ކަނޑައަޅަން ޖެހޭ ގޮތަށް އިންތިގާލީ މާއްދާގައި ބަޔާންކުރުން ވެސް ހިމެނެއެވެ. އެގޮތުން އެ އިސްލާހާއެކު ކުޅިވަރުގެ ގާނޫނަށް ގެނެވުނު އެންމެ ފަހުގެ އިސްލާހުގެ ދަށުން އެކަލަވާލާ ގަވާއިދުގައި ރީޖަނަލް އެސޯސިއޭޝަންތަކުގެ އޮނިގަނޑު ސަރުކާރުން ކަނޑައެޅުމާއެކު ހިންގާ ގަވާއިދުގެ ދަށުން ގާއިމުކުރަން ޖެހެއެވެ.

ރީޖަނަލް މުބާރާތްތައް ބޭއްވުމަށް ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ބޭއްވުމުގެ އިހުތިޔާރުދިނުމާއި، ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓުބޯޅަ މުބާރާތުގެ އޮނިގަނޑެއް އެކުލަވާލައި ކޮންގްރެސްއަށް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ހިންގާ ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.

ތޯރިގު އެފްއޭއެމްގެ ރައީސް ކަމަށް އައިސްފައި ވަނީ އަތޮޅު ތެރެ ޝާމިލުކުރުމުގެ ވައުދާވެސް އެކުގައެވެ. ޓޮމްއަކީ މީގެ ކުރިންވެސް އެފްއޭއެމްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

ތޯރިގު މީގެ ކުރިން 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަން ކުރެއްވީ މަދު ދުވަސްކޮޅަކަށެވެ. ތޯރިގު އަތުން ކުރިން ފަަހަރު އެފްއޭއެމްގެ ރައީސްކަން ގެއްލުނީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ. އެއީ އޭރު އެކްސްކޯގައި ތިބި ފަސް މެމްބަރުން އިސްތިއުފާ ދިނުމުން ކޯރަމް ގެއްލުމުން އާ އިންތިހާބަކަށް ދާން ޖެހުމުންނެވެ.

އެފަހަރު އިންތިހާބުގައި ވާދަކުރައްވާ ތޯރިގު ކައިރިން ކާމިޔާބު ހޯދީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރީންގެ މައްޗަށް އަންނަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. އެ މައްސަލަގަނޑުގެ ތެރެެއިން އިންތިހާބެއް ބާއްވަން މީގެ ކުރީން މަސައްކަތް ކުރިއިރުވެސް ތޯރިގު ވަނީ ރައީސް ކަމަށް ކުރިމަތިލައްވައިފައެވެ.

އެހެންނަމަވެސް އެފަހަރު އިންތިހާބަކާ ހަމަށް ނުދެވި، އެފްއޭއެމް ނޯމަލައިޒް ކުރުމަށް ފީފާއިން ނިންމިއެވެ. ނޯމަލައިޒޭޝަން މަރުހަލާ ދިގުލައިގެންވެސް ގޮސްފައިވާ އިރު، މިހާރު އޮތީ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސް، މެންބަރު 23 ކްލަބަށް ބަދަލު ކޮށްފައެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބުގެ މައްޗަށް އެކުލެވޭ އާއްމު މެންބަރުންގެ ލިސްޓެކެވެ.