ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް މިމަހުުގެ 28 ގައި ފަށަން ތައްޔާރުވެއްޖެއެވެ.

ޓްރާންސްޕޯޓް މިިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އައިއެންޕީއެފްއެން)ގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެ އަތޮޅުގައި ރައްޔިތުންނަށް ފެރީގެ ހިދުމަތްތަކާއެކު މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރިއަށްގެންދާނެ ކަމަށާއި އޭގެފަހުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްގެންދާނީ ޓިކެޓު ނަގައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓިކެޓު ނެގުމުގެ ހިދުމަތް އަންނަ މަހުން ފެށިގެން އާރުޓީއެލް ވެބްސައިޓުންނާއި މޯބައިލްއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅު އަދި ރ. އަތޮޅުގައި ވެސް މިހާރު ފެރީގެ ހިދުމަތް ފަށާފައިވާ އިރު، އަދި ކުރިއަށް އޮތްތަނުގައި ޒޯން ހަތަރެއްގައި ހިމެނޭ ހަތަރު އަތޮޅު އާރުޓީއެލް ފެރީގެ ނިޒާމުން ގުޅައިލުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ އަތޮޅުތައް ފެރީގެ ނިޒާމުން ގުޅުވާލުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ހިންގަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އާރުޓީއެލް ފެރީ މަޝްރޫއަކީ މުޅި ރާއްޖޭގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑައަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމާއި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ފައިދާ ހުރި ނިޒާމެއް ގާއިމުކުރުމެވެ.