މިއަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި އެ ނިންމުން ނިންމާފައިވަނީ ސަރުކާރުގެ މަޝްރޫއުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުންކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން އަންނަ އަހަރުގެ ފެށުމާއެކު މުޅި ރާއްޖޭގައި އާރުޓީއެލްގެ ފުރިހަމަ ވިއުގައެއް ގާއިމްކޮށް، ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ ތައްޔާރީތަކަށް ސަރުކާރުން މިހާރު ވަނީ ހާއްސަ އިސްކަމެއް ދީފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް މިހާރުވެސް 12 އަތޮޅެއްގައި ފެރީގެ ހިދުމަތް ދެމުންދާއިރު، ބަހުގެ ހިދުމަތާއި ޓެކްސީގެ ހިދުމަތްވެސް ދަނީ ފުޅާކުރަމުންކަމަށް ރައީސް އޮފީހުން ބުންޏެވެ.