ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު "އާރްޓީއެލް" ގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް، އެ ފަރާތްތަކުން ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް (މެސެޖެއް) ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ އެގޮތަށް ދިމާވާން މެދުވެރިވީ އާރްޓީއެލްގެ ޕޭމަންޓް ކަލެކްޝަންއަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސާވާގެ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންދިއުމުންނެވެ.

އެ މަސައްކަތުގެ ސަބަބުން، އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯއްދާ ފަރާތްތަކުން ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅުންހުރި މުއާމަލާތުގެ މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވިދާނެ ކަމަށް ބޭންކުން ވަނީ އެ ކުންފުންޏަށް އަންގާފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އެހެންކަމުން، އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެމްޓީސީސީން އިލްތިމާސް ކުރެއެވެ. އެ މެއިންޓަނަންސް މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން މައާފަށް އެދިފައިވާ އިރު، އަދިވެސް އެ ކަމަށް ހައްލު ނުލިބޭކަން ބައެއް ކަސްޓަމަރުން ފާހަގަ ކުރެއެވެ.

އެ ގޮތުން ވިލިމާލެ ކައުންޓަރުތަކަށް އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ އެކައުންޓުތަކުން 90 ރުފިޔާއިން މަތިން ޓިކެޓްއަށް ކެނޑޭކަމުގެ ޝަކުވާ ލިބެމުންދާކަން ކައުންޓަރުތަކުން ވަނީ ކަސްޓަމަރުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

އެެހެންކަމުން، ފެރީ ޓާމިނަލް ތަކުގައި ހުންނަ ކާޑުން ޓިކެޓްއަށް ފައިސާ ކަނޑާ މެޝިންތަކުން، އެއް ފަހަރު ކާޑު ޖައްސައިގެން ޓިކެޓަށް ފައިސާ ނުކެންޑުނު ނަމަވެސް ދެވަނަ ފަހަރަށް ކާޑު ނުޖެއްސުމަށް އެ ތަނުގެ ކައުންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެއެެވެ.

އެ ނޫނަސް ބަސް ދަތުރުތަކުގައިވެސް އެކަންކަމަށް ސަމާލުވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އެދެއެވެ.