ޗެލްސީން ނެދަލޭންޑްސްގެ ޒުވާން ތަރި ޖަވީ ސިމޮންސް ހޯދަން މަސައްކަތް ކުރަމުން އަންނަކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

ޖަރުމަނު ލީގުގެ އާރްބީ ލެއިޕްޒިގަށް ކުޅެމުން އަންނަ ސިމޮންސް އެ ކްލަބާ ދާއިމީކޮށް ގުޅުނީ މިދިޔަ ޖެނުއަރީ މަހުއެވެ. 2023 ވަނަ އަހަރުން ފެށިގެން މިއަހަރު ޖެނުއަރީއާ ހަމައަށް ލެއިޕްޒިގަށް އޭނާ ކުޅެމުންދިޔައީ ޕީއެސްޖީގެ ލޯނު އެއްބަސްވުމެއްގައެވެ.

ސިމޮންސް ލެއިޕްޒިގަށް ސޮއިކުރީ 80 މިލިއަން ޔޫރޯގެ ކްލަބު ރެކޯޑު އަގެއްގައެވެ. އެއީ 2027 ވަނަ އަހަރާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައި ނުވާތީ، ސިމޮންސް އަންނަނީ ޓްރާްސްފާއަކަށް މަޝްވަރާ ކުރުމުން ކަމަށް ނޫސްތައް ބުނެއެވެ.

ހަބަރުތައް ބުނީ ސިމޮންސް ހޯދުމުގެ ރޭހުގައި މިވަގުތު އެންމެ ކުރީގައި އުޅެނީ ޗެލްސީ ކަމަށެވެ. ސިމޮންސް ވެސް އެ ކްލަބަށް ޝައުގުވެރިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ސިމޮންސްގެ އަގު 70 މިލިއަން ޔޫރޯއަށް އަރާނެ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީގެ އިތުރުން އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުންވެސް ސިމޮންސްއަށް ލޯ އަޅަމުން އަންނަކަމަށް ނޫސްތައް ބުނެފައިވާ އިރު، ބާސެލޯނާއާއި ބަޔާން މިއުނިކުންވެސް އޭނާއަށް ޝައުގުވެރިވާ ކަމަށް ނޫސްތައް ބުނެއެވެ.

ނެދަލޭންޑްސް ގައުމީ ޓީމަށް ކުޅެމުން އަންނަ ސިމޮންސްއަކީ މީގެ ދެތިން އަހަރެއް ކުރީންވެސް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ރާޑަރަށް އެރި ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ލެއިޕްޒިގަށް ލީގުގައި 25 މެޗު ކުޅެ، 10 ގޯލު ޖަހައި، 6 އެސިސްޓް ފުރިހަމަ ކޮށްދީފައެވެ.