މެންޗެސްޓާ ޔުނައިޓެޑުގެ ދުރު ރާސްތާ ޕްލޭނަކީ އުންމީދީ ޕްލޭނެއް ކަމަށާއި ކްލަބާއެކު ތަށި ހޯދޭނެ ކަމަށް އެ ކްލަބާ އަލަށް ގުޅުނު ކެމަރޫންގެ މިޑްފީލްޑަރު ބްރަޔަން އެމްބުއޭމޯ ބުނެފިއެވެ.
ބްރެންޓްފޯޑަށް ކުޅުނު އުމުރުް 25 އަހަރުގެ އެމްބުއޭމޯ ޔުނައިޓެޑާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ޔުނައިޓެޑާ ގުޅުނުކަން ރޭ ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، އެއީ މިޓްރާންސްފާ ވިންޑޯގައި ޔުނައިޓެޑުން ރަސްމީކޮށް އިއުލާކުރި ތިންވަނަ ކުޅުންތެރިޔާއެވެ.
އެމްބުއޭމޯގެ ކުރިން ޔުނައިޓެޑުން ވަނީ މަތެއަސް ކޫންޔާ އާއި ޑިއޭގޯ ލެއޯންވެސް އިއުލާނު ކޮށްފައެވެ.
ޔުނައިޓެޑުން އެމްބުއޭމޯ ހޯދަން ތިން ބިޑެއްކޮށް، ކާމިޔާބުކުރީ ޖުމުލަ 71 މިލިއަން ޕައުންޑްގެ ބިޑެކެވެ.
"އަހަންނަށް މި ކްލަބާ ގުޅެން ލިބުނު ފުރަތަމަ ފުރުސަތާއެކު ވެސް އެކަމަށް އާނއެކޭ ބުނިން. އެއީ މިއީ އަހަރެންގެ ހުވަފެނީ ކްލަބަކަށްވީމަ. މިއީ އަހަރެން އެންމެ ކުޑައިރު ވެސް ލައިގެން އުޅުނު ޖާޒީ،" އެމްބުއޭމޯ ބުންޏެވެ.
އެމްބުއޭމޯ ބުނީ ޔުނައިޓެޑާ ގުޅުމަކީ ކެރިއަރުގައި ލިބުނު ކުރިއެރުމެއް ކަމަށާއި ކްލަބަކީ ބޮޑު ކްލަބެއް ކަމަށެވެ.
"އެންމެންވެސް އަހަރެން ގާތުގައި ބުނި ޔުނައިޓެޑްގެ މާހައުލާއި އެ ކްލަބުގެ ބޮޑުކަން. މިއީ ބޮޑު ކްލަބެއް. މި ކްލަބުގެ ކުރިމަގަށް ހުރި ޕްލޭންތައް އެނގޭ. އާދަޔާހިލާފު ސަޕޯޓަރުންތަކެއް ތިބި މި ކްލަބާއެކު އެންމެ ބޮޑެތި ކާމިޔާބީތައް، ތަށިތައް ހޯދޭނެކަމުގެ އުންމީދު އެބައޮތް،" އެމްބުއޭމޯ ބުންޏެވެ.
އެމްބުއޭމޯއަކީ މިދިޔަ ސީޒަނުގެ ލީގުގައި 20 ގޯލު ޖަހައިދީފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އެމްބުއޭމޯ ދެއްކި ކުޅުމާއެކު ގިނަ ކްލަބުތަކަކުން އޭނާ ގަތުމަށް ޝައުގުވެރިވެފައިވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް