އެންޓްރެޗް ފްރެންކްފާޓްގެ ފޯވަޑް ހޫގޯ އެކިޓީކޭ، ލިވަޕޫލަށް ދާން އެއްބަސްވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
އުމުރުން 23 އަހަރުގެ ފްރާންސް ފޯވަޑް، އެކިޓީކޭ މިދިޔަ ސީޒަނުގައި ފްރެންކްފާޓަށް 15 ގޯލު ޖަހައިދީ، އަށް އެސިސްޓް ފުރިހަމަ ކުރިއެވެ. އެކިޓީކޭ ހޯދަން ފުރަތަމަ މަސައްކަތް ކުރީ ނިއުކާސަލްއިންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެކިޓީކޭ ހޯދުމަށް، ކްލަބުގެ ޓްރާންސްފާ ރެކޯޑު މުގުރާލުމަށް ނިއުކާސަލްއިން ވަނީ ތައްޔާރުވެފައެވެ.
ނިއުކާސަލްއިން އެކިޓީކޭ ހޯދަން ފުރަތަމަ ބިޑު ކުރީވެސް 70 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އެހެން ނަމަވެސް އެ ބިޑަށް ފްރެންކްފާޓުން ވަނީ ނޫނެކޭ ބުނެފައެވެ.
އެ މަސައްކަތް ނިއުކާސަލްއިން ކުރަމުން ދިޔަ އިރު، ލިވަޕޫލުންވެސް ދިޔައީ ފޯވަޑެއް ހޯދަން މަސައްކަތް ކުރަމުން ކަމަށްވެސް ނޫސްތައް ބުނެއެވެ. އެގޮތުން ނިއުކާސަލްގެ އެލެކްސެންޑްރާ އިސާކް ހޯދަން ލިވަޕޫލުން ކުރި މަސައްކަތް ކުރިއަށްދާ ގޮތް ނުވީ ކަމަށްވެސް ނޫސްތައް ބުނެއެވެ. އެއީ ނިއުކާސަލްއިން 130 މިލިއަން ޕައުންޑްގެ އަގެއް ކިޔުމުންނެވެ.
ނިއުކާސަލްއިން އެކިޓީކޭއާ ވާހަކަ ދައްކަމުން ދަނިކޮށް، ލިވަޕޫލުން މަޝްވަރާތައް ފެށީ ދެތިން ދުވަސް ކުރިން ކަމަށްވެސް ނޫސްތައް ބުނެއެވެ. އެހިސާބުން އެކިޓީކޭ ބޭނުންވީ ލިވަޕޫލަށް ދާން ކަމަށާއި، އެ ޓީމުން މިހާރު އަގަކަށްވެސް ފްރެންކްފާޓާއެކު އެއްބަސްވެފައިވާ ކަމަށް އިތުބާރު ނޫސްތައް ބުނެއެވެ.
އެގޮތުން ލިވަޕޫލުން ހުށަހަޅާ ރަސްމީ އަގަކީ 90 މިލިއަން ޕައުންޑް ކަމަށާއި، އޭގެ އިތުރުން ފަސް ވަރަކަށް މިލިއަން ޕައުންޑް އެ ޓްރާންސްފާއަށް ދައްކަން ލިވަޕޫލުން އެއްބަސްވެފައިވާ ކަމަށްވެސް ނޫސްތަކުން ރިޕޯޓު ކުރެއެވެ.
އޭގެ އިތުރުން ރިޕޯޓުތައް ބުނީ އެކިޓީކޭ ލިވަޕޫލަށް ދާން އެއްބަސްވެފައި ވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް