ނިއުކާސަލްގެ ސްވިޑެން ފޯވަޑް އެލެކްސެންޑްރާ އިސާކް ގަންނަން ކުރި މަސައްކަތުގައި ކުރި ނުލިބުމުން އެންޓްރެޗް ފްރެންކްފާޓްގެ ފޯވަޑް ހޫގޯ އެކިޓީކޭ ހޯދުމުގެ ރޭހަށް ލިވަޕޫލުން ވަދެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ފްރާންސް ފޯވަޑް، އެކިޓީކޭ މިދިޔަ ސީޒަނުގައި ފްރެންކްފާޓަށް 15 ގޯލު ޖަހައިދީ، 8 އެސިސްޓް ފުރިހަމަ ކުރިއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެކިޓީކޭ ހޯދުމަށް، ކްލަބުގެ ޓްރާންސްފާ ރެކޯޑު މުގުރާލުމަށް ނިއުކާސަލްއިން ވަނީ ތައްޔާރުވެފައެވެ.

މީގެ ކުރީން ނިއުކާސަލްއަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔަކީ އިސާކެވެ. އުމުރުން 25 އަހަރުގެ ފޯވަޑް، 2022 ވަނަ އަހަރު ރެއާލް ސޮސިއެދާދުން އެ ކްލަބާ ގުޅުނީ 63 މިލިއަން ޕައުންޑަށެވެ.

ނިއުކާސަލްއިން އެކިޓީކޭ ހޯދަން ފުރަތަމަ ބިޑު ކުރީވެސް 70 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އެހެން ނަމަވެސް އެ ބިޑަށް ފްރެންކްފާޓުން ވަނީ ނޫނެކޭ ބުނެފައެވެ.

އެ މަސައްކަތް ނިއުކާސަލްއިން ކުރަމުން ދިޔަ އިރު، ލިވަޕޫލުންވެސް ދިޔައީ ފޯވަޑެއް ހޯދަން މަސައްކަތް ކުރަމުން ކަމަށްވެސް ނޫސްތައް ބުނެއެވެ. އެގޮތުން ނިއުކާސަލްގެ އިސާކް ހޯދުމަކީ ނިއުކާސަލްއިން އެންމެ ބުރަކޮށް ކުރި މަސައްކަތެވެ. ނޫސްތަކުން ބުނީ ނިއުކާސަލްއިން ލިވަޕޫލް ކިބައިން އެދުނު އަގަކީވެސް 130 މިލިއަން ޕައުންޑް ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތަށް ނިއުކާސަލްއިން ވާހަކަ ދެއްކުމާއެކު، ލިވަޕޫލުން މިހާރު ވިސްނަނީ އެކިޓީކޭގެ ރޭހަށް ވަދެ، އެ ޑީލް ހައިޖެކް ކުރަން ކަމަށްވެސް އިތުބާރު ނޫސްތައް ވަނީ ޔަގީން ކޮށްދީފައެވެ. އެގޮތުން ލިވަޕޫލާއި ފްރެންކްފާޓުން އިއްޔެ މަޝްވަރާތައް ފަށައިފައިވާ ކަމަށް ސްކައި ސްޕޯޓްސްއިންވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

އޭގެ އިތުރުންވެސް ލިވަޕޫލުން އިތުރު ބައެއް އެޓޭކަރުންނާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް ނޫސްތައް ބުނެއެވެ.