ހުޅުމާލެ ދެވަނަ ފޭސްގައި ހުންނަ ވިނަރެސް ފްލެޓުގެ ޓަވަރުން ވެއްޓުނު ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި އުމުރުން 18 އަހަރުގެ އެމީހާ ވެއްޓުނީ ވިނަރެސް ފްލެޓުތަކުގެ 8 ވަނަ ޓަވަރުންނެވެ. އޭނާ ވެއްޓުނީ ކޮން ފްލޯއަކުން ކަމެއް ހާމައެއް ނުކުރެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ މައުރޫފް މިއަދު "ވަން"އަށް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 4:30 ހާއިރު ކަމަށެވެ. އަދި ގެނައިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

"މިކޮޅަށް ގެނައިރުވެސް ޕޭޝަންޓުގެ އެއްވެސް ރެސްޕޮންސެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވީ. މިހާރު ޑެތު ކޮންފާމް ކޮށްފަވަނީ،" މައުރޫފް ވިދާޅުވިއެވެ.

މަރުރޫފް ވިދާޅުވީ އެމީހާއަށް އެކިވަރުގެ އަނިޔާ ލިބިފައި ހުރިކަން ބޭރުފުށުން ފެންނަން ހުރި ކަމަށާއި އެހެންކަމުން ސީޓީ ސްކޭންތަކާއި އެހެނިހެން ޓެސްޓުތައް ހަދައި، ލިބިފައި ހުރި އަނިޔާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ވެއްޓުނީ ހަތްވަނަ ފަންގިފިލާ އިންނެވެ. އޭނާ ވެއްޓުމާއެކު މޫނު ޖެހުމުން، މޫނުމައްޗަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.